އިއްޔެ އިންގްލިޝް ޕްރިމިއާ ލީގުގައި އާސަނަލްއާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތައް ކާމިޔާބުކޮށް ދެ ޓީމުން ވެސް ތިން ޕޮއިންޓް ހޯދައިފިއެވެ.
އިއްޔެ ލީގުގައި ފުރަތަމަ ކުޅުނީ ސިޓީއެވެ. ސިޓީގެ ދަނޑުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 4-1 އިންނެވެ. މިމެޗުގައި ލިވަޕޫލުން ފުރަތަމަ ލަނޑު ޖެހި ނަމަވެސް ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާ ފަހު ހާފްގައި އެކަނި ވެސް ތިން ލަނޑު ޖަހާފައެވެ. މުހައްމަދު ސަލާހް ލިވަޕޫލަށް ލީޑު ނަގާ ދިން އިރު ސިޓީގެ ހޫލިއަން އަލްވަރޭޒް، އިލްކޭ ގުންޑުއާން، ކެވިން ޑެބްރައިނާ، އަދި ޖެކް ގްރީލިޝް ވެސް ވަނީ ލަނޑު ޖަހާފައެވެ.
މިމެޗުން މޮޅުވެގެން ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސަނަލްއާ އޮތް ޕޮއިންޓްގެ ފަރަގު ފަހަަކަށް ކުޑަވީ ނަމަވެސް އިއްޔެ އާސަނަލްއިން ލީޑްސް ޔުނައިޓެޑް 4-1 އިން ބަލިކުރުމުން ޕޮއިންޓް ފަރަގު ވަނީ އަނެއްކާވެސް 8 އަކަށް އިތުރުވެފައެވެ.
އާސަނަލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގެބްރިއަލް ހެސޫސް ދެ ލަނޑު ޖަހާ ދިން އިރު ބެން ވައިޓް އަދި ގްރެނިޓް ޒާކާ ވެސް ވަނީ އާސަނަލްއަށް ލަނޑުތައް ޖަހާ ދީފައެވެ. ލީޑްސްގެ ހަމައެކަނި ލަނޑު ޖެހީ ކްރިސްޓެންސަންއެވެ.
އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި އެތަށް ބިލިއަންއެއް ހަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް ގަތް ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 0-2 އިން ބަލިވެފައެވެ. މިމެޗުގައި ވިލާއަށް ލަނޑުތައް ޖަހާ ދިނީ އޮލީ ވޮޓްކިންސް އަދި ޖޯން މެކިންއެވެ.
ރޭ ބްރައިޓަންއާއި ބްރެންޓްފޮޑް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އަދި ވުލްވްސްއާއި ނޮޓިންހަމް ފޯރަސްޓް ކުޅުނު މެޗު ވެސް އެއްވަރުވީ އިރު ބޯންމޮތް ވަނީ 2-1 އިން ފުލަމް ބަލިކޮށްފައެވެ. މީގެ އިތުރުން ކްރިސްޓަލް ޕެލަސްއިން ވަނީ ހަމަ މި ސްކޯލައިނުން ލެސްޓާ ސިޓީ ބަލިކޮށްފައެވެ.
މިއަދު ލީގުގައި ދެ މެޗު ކުޅޭ އިރު ރާއްޖޭ ގަޑިން 6:30 ގައި ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާއި ސައުތްހެމްޓަންއެވެ. އަދި ރޭގަނޑު 9 ޖަހާ އިރު ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑެވެ.