މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުގެ ވެސް ފިތުރު އީދާ ގުޅުވައިގެން އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ) ގެ ފަރާތުން ބާއްވާ އަމްސާ ކަޕް 2023 ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަމްސާ އިން ބުނީ، މި މުބާރާތަކީ އއ. މަތިވެރި ޒުވާނުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ވާދަވެރި ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ޒުވާނުންނަށް ފިތުރު އީދަކީ އުފާވެރި އީދަކަށް ހެދުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން އަށަގެންނެވުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަަމަށް ވެސް އަމްސާއިން ބުނެއެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވާން އެދޭ ކޮންމެ ޓީމަކުން ވެސް މި މުބާރާތުގައި ޓީމް ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކޮށް ރޯދަމަހުގެ 18 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން ހުށަހެޅުމަށް އަމްސާއިން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި އޮފިޝަލުން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި މުބާރާތަށް އަމްސާއިން ތައްޔާރުކޮށްފައިވާ މޯބައިލް އެޕް މެދުވެރިކޮށެވެ.

އަމްސާގެ ރައީސް އަލީ ރަމީޒް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތުގައި އެއްވަނައަށް ދާ ފަރާތަކަށް 8000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަަމށެވެ. އަދި މި މުބާރާތުގެ ތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އަލީ ރަމީޒް ބުނެއެވެ.

ކުރިން ބޭއްވި އަމްސާ ކަޕްގެ މުބާރާތްތަކަށް ލިބުނު ފަދަ ތަރުހީބެއް މި އަހަރުގެ މުބާރާތަށް ވެސް ލިބިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް އަލީ ވިދާޅުވިއެވެ.

ކުޅުން ތެރިން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ ރޯދަމަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިންނެވެ. މި މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ނަމަ 7763991 ނުވަތަ 9655856 އަށް ގުޅުމަށް އަމްސާއިން ބުނެއެވެ.