ޕާކިސްތާނުގެ ދެކުނުގެ ކަރާޗީގައި ރޯދައަށް ބެހި ކާބޯތަކެތި ހޯދަން އެންމެން އަރައިގަތުމުން ފިތިބާރުވެގެން 11 މީހަކު މަރުވެއްޖެއެވެ.
ހަބަރުތައް ބުނާގޮތުން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 8 އަންހެނަކާއި 3 ކުޑަކުދިންނެވެ.
އިއްޔެ ހިނގި މި ހާދިސާގައި އެހާ ގިނަ ބަޔަކު މަރުވާން ދިމާވީ، ކާބޯތަކެތި ބަހާ ފެކްޓަރީގެ ބޭރުގައި އެއްވެ ތިބި މީހުން އަވަސްވެގަނެ އަރައިގަތް ވަގުތު މީހުންތައް ވެއްޓުމާއި ދެން ދިޔަ މީހުން އެމީހުންގެ ގައިމައްޗަށް އެރުމާއި، ބައެއް މީހުން މަގުމަތީގައި އޮތް ނަރުދަމާ ތެރެއަށް ވެއްޓިގެން ކަމަށެވެ.
ޕާކިސްތާނާއި އިންޑިއާ ފަދަ ބޭރުގެ ބައެއް ގައުމުތަކުގެ އަވަށްތަކުގެ ގޭގެ ނަރުދަމާ ހުންނަނީ މަގުގެ ދެފަރާތުން ދައުރުކުރާ ގޮތަށް ކާނު ހަދާ، އެއާ ގުޅާފައެވެ. ބައެއް ފަހަރު އެ ކާނުތަކުގައި މައްޗެއްވެސް ނުހުރެއެވެ.
ރޯދައަށް ބެހި ކާބޯތަކެތި ހޯދަން ގިނަ ބަޔަކު އެއްވެފައި އޮތް ކަމަށާއި، އެންމެން އަރައިގަތް ވަގުތު ކައިރީގައި ހުރި ފާރެއްވެސް ވެއްޓުނު ކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ. މިހާދިސާ ހިނގުމާއެކު ތަހުގީގު ފަށާފައި ވާ އިރު ފުލުހުން ބުނީ، ކާބޯތަކެތި ބަހާކަން ފެކްޓަރީގެ ފަރާތުން ފުލުހަށް އަންގާފައި ނުވާ ކަމަށެވެ.
މިއީ ޕާކިސްތާނުގައި މި ރޯދަމަހު ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއަށް ވާއިރު، ރޯދަމަހު ކާބޯތަކެތި ބަހާ އެހެނިހެން މަރުކަޒުތައް ހިމެނޭ ގޮތުން ޕާކިސްތާނުގައި މިހާތަނަށް 21 މީހަކު ވަނީ މަރުވެފައެވެ.
ޕާކިސްތާނަށް ކުރި ދިގުލީ ވިއްސާރައާއި ކޮރަޕްޝަނާއި، ކޮވިޑްގެ ދަތިކަމާ އެކު އެގައުމަކީ ދެކުނު އިރުމަތީ އޭޝިއާގައި މިވަގުތު އެންމެ ހާލުގައި އޮތް ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ލަންކާއެކޭ އެއްގޮތަށް އެގައުމުގެ އިގުތިސޯދު ފުނޑުފުނޑުވެ އާންމުންގެ ގިނަ ބަޔަކަށް ކާ މޭޒުމައްޗަށް ބަތް ބޯތައްޓެއްވެސް ލެވޭނެ ވަރު ނެތެވެ.
އެ ދަތިކަން ދިމާވުމުގެ އިތުރުން އައިއިއެމްއެފް އިން ޕާކިސްތާނަށް ދޭން އެއްބަސްވި 6.5 ބިލިއަން ޑޮލަރުގެ ލޯނު ހިފަހައްޓާފައި އޮތުމަކީވެސް ހާލަތު އިތުރަށް ގޯސްވެފައި ވާ ސަބަބެކެވެ. ޕާކިސްތާންގެ ލޯނުގެ މައްސަލައިގައި އައިއެމްއެފްއިން ބުނެފައި ވަނީ، އެ ޖަމާއަތުން އެދިފައި ވާ ގޮތަށް ޕާކިސްތާނުގެ ފައިސާގެ އަގު ހިފެހެއްޓުމާއި، ޓެކްސް ބޮޑު ކުރުމާއި ސަބްސިޑީތައް ކަނޑާ ނުލަނީސް ނުވަތަ އެކަމަށް ފިޔަވަޅު ނާޅަނީސް ލޯނު ދޫކުރެވެން ނެތް ކަމަށެވެ. އަދި އެކަންކަން ހަމައަކަށް އެޅުވިހާ އަވަހަކަށް 1.1 ބިލިއަންގެ ފުރަތަމަ ޕޭމަންޓް ދޫކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.