ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑްގެ ތިލަފުށީ ފަޔާ ސްޓޭޝަނާއި މާލެ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ކުރި މަސައްކަތުން މިއަދު 14:23 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ 2 ބުރިއަށް ހަދާފައި ހުރި އިމާރާތެއްގައެވެ. އަދި އެ އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެއް ކަމަށާއި މަތީބައި ބޭނުން ކުރަނީ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މެންދުރު 12:45 ގައެވެ.

މީގެ ކުރިންވެސް ތިލަފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް ހިނގާ މުދަލަށާއި މީހުންނަށްވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.