ގއ. ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެެވެ.

ފުލުހުން ބުނީ އެ ޒުވާނާ މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާ ކަމަށްބުނެ 4:45 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އާއިލާ މީހުންނާއެކު އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ސައިކަލަކާއެކު އެ ރަށުގެ ފަޅުތެރެ މޫދުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ރަށު ހެލްތް ސެންޓާއަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ކަނޑުހުޅުދޫގެ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހުސައިން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ޒުވާނަކީ ސިިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށެވެ. އޭނާ ފެނިފައިވަނީ ދެފެންދޭތެރެ ހިސާބުން ކަމަށާއި ފެނުނުއިރު ސައިކަލުގައި ވަލެއްއަސާފައިވާ ކަމަށާއި އެ ވަލުގެ އަނެއް ކޮޅު އޭނާގެ ފައިގައި އައްސާފައިވާ ކަމަށް އިބްރާހިމް ހުސައިން ވަނީ ބުނެފައެވެ. އަދި ފަތިސް ނަމާދު ވަގުތު އޭނާ ފެނުނު ކަމަށް މީހުން ބުނެފައިވާ ކަމަށް ވެސް އިބްރާހިމް ހުސައިން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އަމިއްލައަށް މަރުވާނެކަމަށް އެޒުވާނާ ބުނެފައިވާ ކަމަށާއި އެތައް ފަހަރަކު ރަށުގައި ހުންނަ އުރީދޫ އެންޓަނާއަށް އަރައިފާވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ. އޭނާގެ މައިންބަފައިން އެދިގެން އޭނާ ފޮނުވާލުމަށް ޖެންޑާގައި އެދިފައިވީ ނަމަވެސް ޖެންޑާއިން ޑޮކްޓަރުގެ ލިޔުން ބޭނުންވާނެ ކަމަށް ބުނެ، މަރުކަޒާ ގުޅައިގެން ޑަކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެ އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށް ވެސް އިބްރާހިމް ހުސައިން ވިދާޅުވިއެވެ.