ގއ. ކަނޑުހުޅުދޫން ފުރައިގެން އެ އަތޮޅުގެ ކޫއްޑޫ އަށް ދިޔަ ލޯންޗެއް ދިޔަވެ، ކަނޑުވި މީހުން ސަލަމާތް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަނޑުހުޅުދޫން ކޫއްޑޫ އަށް އެ ލޯންޗު ގޮސްފައި ވަނީ އެ ރަށުގައި ތިބި ބައެއް މީހުން ބަލައެވެ. ނަމަވެސް އެ ލޯންޗް ކޫއްޑޫއާ ހަމައަށް ނުދެވެނީސް ވަނީ ދިޔަވެ ލޯންޗް އަޑިއަށް ދާން ފަށާފައެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ހުސައިން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލޯންޗު ދިޔަވި އިރު ކައްޕި އާއި ފަޅުވެރިޔަކު އެ ލޯންޗުގައި ތިބި ކަމަށެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި އެ ލޯންޗް ދިޔަވަމުން ދިޔަ ވަގުތު އޭގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ.

އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، ދާންދޫ ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ގުޅިގެން ވޮޑަމުލާ ފަޅުގައި ލޯންޗް ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މި ހާދިސާގައި އެ ލޯންޗް ދިޔަވާން މެދުވެރިވީ ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.