ތިލަފުށީ ސައިޓެއްގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން ދާ ކަމަށާއި އަލިފާން ނިއްވާލުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ ސައިޓެއްގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ތިލަފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. މިހާރު 80 ޕަސެންޓް ކޮންޓްރޯލް ވެފައިވާ ކަމަށާއި އިތުރު ތަނަކަށް އަލިފާން ފެތުރިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވެފައި ވަނީ 2 ބުރިއަށް ހަދާފައި ހުރި އިމާރާތެއްގައެވެ. އަދި އެ އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެއް ކަމަށާއި މަތީބައި ބޭނުން ކުރަނީ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ،

އަލިފާނުގެ މި ހާދިސާ ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:45 ގައެވެ.