ކުކުޅަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު އެއްޗަކަށް ވާއިރު އެ ތައްޔާރު ކުރުމަށްވެސް އެހާ ގިނަ ގޮތްތައް ހުރެއެވެ. އެގޮތުން މިއަދު ހުރިހާ ކިޔުންތެރިންނަށް ވެސް ހިއްސާ މި ކުރަނީ ބަޓާ ގާލިކް ޗިކަން ތައްޔާރު ކުރާނެ ގޮތެވެ.

ފަސޭހައިން ތައްޔާރު ކޮށްލެވޭ ބަޓާ ގާލިކް ޗިކަން އަކީ މަދު ވަގުތު ކޮޅަކުން ތައްޔާރު ކޮށްލެވޭނެ ކެއުމެކެވެ. މި ކެއުމުގެ ރަހަ ރަނގަޅު ވުމުގެ އިތުރުން މިއީ ރޮށްޓާއި އަދި ބަތާ އެއްކޮށްވެސް ކާލަން ރަނގަޅު ކެއުމަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި

  • 400ގ ބޯންލެސް ކުކުޅު (ކިއުބް ކޮށް ކޮށާފައި)
  • 1 ސައި ސަމްސާ އަސޭމިރުސް ޕައުޑަރު
  • 3 ސައިސަމުސާ ކޯންފްލާ
  • 1 ސައސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 3 މޭޒުމަތީ ސަމްސާ ތެޔޮ
  • 2 މޭޒުމަތީ ސަމްސާ ބަޓަރު
  • 2 ސައިސަމުސާ ލޮނު މެދު އަދި އިނގުރު ޕޭސްޓް
  • 1 މިރުސް
  • 1 ސްޕްރިންގެ އޮނިއަން
  • 1 ސައިސަމުސާ ސޯޔާ ސޯސް
  • 1 ސައިސަމުސާ ލުނބޯ ޖޫސް
  • ލޮނު (ރަހަލާ ވަރަށް)

ތައްޔާރު ކުރާނެ ގޮތް

ކުކުޅު ތެރެއަށް އަސޭމިރުސް، ލޮނު، 2 ސަމްސާ ކޯންފްލާ، ލޮނުމެދު އަދި އިނގުރު ޕޭސްޓް އެޅުަމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި 20 މިނެޓް ވަންދެން މެރިނޭޓް ކުރުމަށް ބަހައްޓާށެވެ.

ތަވަޔަކަށް ތެޔޮ އެޅުމަށްފަހު މެރިނޭޓް ކުރި ކުކުޅު ކޮޅު މަޑު ގިނީގައި 7 މިނެޓް ވަންދެން ކައްކާ ރޯފިލުވާލާށެވެ.

ބަޓާ ގާލިކް ޗިކަން ތައްޔާރު ކުރުމަށް ކުކުޅު ރޯފިލުވަނީ

އެއަށް ފަހު ތެއްޔަކަށް ބަޓަރު އެޅުމަށްފަހު ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު އަދި ސްޕްރިންގް އޮނިއަން އަޅާ ކައްކާލުމަށްފަހު ސޯޔާ ސޯސް އެއްކޮށްލާށެވެ. ދެން، 1 މޭޒުމަތީ ސަމްސާ ކޯން ފްލާ ފެން ފޮދަކަށް ރަނގަޅަށް ގިރުވާލުމަށްފަހު ތެއްޔަށް އަޅާ މަޑު ގިނީގައި އޮލަ ވަންދެން ކައްކާލާށެވެ. ދެން ކުކުޅު ކޮޅު އެޅުމަށްފަހު އަސޭމިރުން އަދި ލުނބޯ ހުތް އެޅުމަށް ފަހު އެއްކޮށްލާށެވެ.