ކަނޑު ކުކުޅަކީ އިހު ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ މީރު ކެއުމެކެވެ. އިހުޒަމާނުގައި ކަނޑު ކުކުޅުގެ މަސްފޮތި އޮޅުމަށް ބޭނުން ކުރަނީ ޓޫތްޕިކްގެ ބަދަލުގަ ރާނބާ ފަތެވެ. ނަމަވެސް ޒަމާނަށް ބަދަލު އަންނަ ވަރަކަށް މިކަންކަމަށް ވެސް އަންނަނީ ބަދަލު ތަކެއް އަންނަމުންނެވެ.
ރިހަ ތައްޔާރު ކުރުމަށްފަހު ރޮށި ނޫންނަމަ ބަތާ އެއްކޮށް އިންސާފު ކުރެވިދާނެއެވެ.
ބޭނުންވާ ތަކެތި
ރިހަ ޕޭސްޓް:
- 30ގ މަސް ރިހަ ހަވާދު ޕައުޑަރު
- 30ގ ކުކުޅު ރިހަ ހަވާދު ޕައުޑަރު
- 1 ބޮޑު ފިޔާ (_ކޮށާފައި)
- 1/2 ސައިސަމްސާ މުގުރި އަސޭމިރުސް
- 2 ލޮނުމެދު
- 8-10 ހިކަނދި ފަތް
- 4 ކާފޫރުތޮޅި
- 1 ފޮނިތޮށި (2 އިންޗި)
- 3 މޭޒުމަތީ ސަމްސާ ހުނި
- ލޮނު (ރަހަ ލާވަރަށް)
- 1 ތަށި ފެން
- މިރުސް
ރިހަ:
- 500ގ ރާގޮނޑި
- 1 ފިޔާ (ކޮށާފައި)
- ލޮނު (ރަހަ ލާވަރަށް)
- 6-8 ހިކަނދިފަތް
- 1 ރާނބާ ފަތް (2 އިންޗިއަށް ކޮށާފައި)
- 1 މިރުސް 3 ލޮނުމެދު
- 1/2 ސައިސަމްސާ އިނގުރު (ގާނާފައި)
- 4 ކާފޫރު ތޮޅި
- 1 ފޮނިތޮށި (2 އިންޗި)
- 3 މޭޒުމަތީ ސަމްސާ ތެޔޮ
- 1 ތަށި ކާށި ބޯކިރު
- 1 ތަށި ކާށި ކިރު
- ޓޫތް ޕިކް
ތައްޔާރު ކުރާނެ ގޮތް
ޕޭސްޓް ގަނޑަށް ބޭނުންވާ ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅާ ހިމުން ވަންދެން ފުނޑާށެވެ. އެއަށްފަހު ހަވާދުގެ ދެބައި ކޮޅު އެއްބައި އެއްފަރާތުގައި ބަހައްޓާށެވެ.
ރާގޮނޑި 2 އިންޗި ވަރަށް ބުރިކޮށް ސްވިސް ރޯލެއް ގޮތަށް މަހުގެ އެތެރެއިން ކަފާލުމަށްފަހު މަސް ފޮތީގެ އެއް ފަރާތުގައި ކުރިން ތައްޔާރު ކުރި ރިހަ ޕޭސްޓް އުނގުޅާލާށެވެ. ދެން، ޕޭސްޓް އުނގުޅިބައި އެތެރެއެއަށް ވާގޮތަށް މަސް ފޮތި، ރޯލް އެއް ހެން އޮޅާލުމަށްފަހު ލޮކް ވާނެ ގޮތަށް ޓޫތް ޕިކް އެއް ޖަހާށެވެ. މިގޮތަށް ހެދުމަށް ފަހު މެރިނޭޓްކުރުމަށް ފްރިޖުގައި އިރުކޮޅަކު ބަހައްޓަންވާނެ އެވެ.
ތެއްޔަކަށް ތެޔޮ އެޅުމަށްފަހު ހޫނުކޮށްލާށެވެ. އަދި ތެޔޮ ފޮދު ހޫނު ވުމުން ފިޔާ، ލޮނުމެދު، އިނގުރު، ހިކަނދިފަތް ފޮނިތޮށި، ރާނބާފަތް އަދި ކާފޫރު ތޮޅި އެޅުމަށްފަހު ފިޔާ ކޮޅު މަޑު މުށި ކުލަ އަރަންދެން ހަނާ ކޮށްލާށެވެ. އަދި ކުރިން ތައްޔާރުކުރި ރިހަ ޕޭސްޓް އިން މޭޒުމަތީ ސަމްސަލެއްގެ ރިހަ ޕޭސްޓް އަދި ކާށި ކިރު ތެއްޔަށް އަޅާ މަޑު ގިނީގައި ކައްކާލާށެވެ. ކުޑަ ކޮށް ކެކިގަތުމުން ކުރިން ތައްޔާރު ކުރި މަސް އަދި ލޮނު އެޅުމަށްފަހު މަސްތައް ރޯފިލަންދެން ކައްކާލާށެވެ. އަދި އެއަށް ފަހު ބޯކިރު ފޮދު އަޅާ ރަނގަޅަށް ކައްކާލާށެވެ.