މޫނު ބުރުގާ ނެގުމަށް އަރަބިއްޔާ ސުކޫލުގެ މުދައްރިސުންނަށް އަންގާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މުދައްރިސުންނާ ގުޅޭގޮތުން އިތުރު އެއްޗެއް މިނިސްޓްރީއިން ސްކޫލުތަކަށް އަންގާފައިނުވާނެ ކަމަށާއި އަދި ސުކޫލުތަކުންވެސް މުދައްރިސުންނަށް އެކަހަލަ އެންގުމެއް އަންގާފައިނުވާ ކަމުގައެވެ.

އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން ޔުނިފޯމާ އެކު މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސްކޫލުން މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެޑިއުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ސްކޫލްގެ ޔުނިފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ، ޔުނިފޯމް ކޯޑާ އެއްގޮތަށް އަމަލުކުރުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަންގައި ދިނުމަށް އެ ސްކޫލަށް އަންގާފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

މިނިސްޓްރީއިން ބުނީ އަރަބިއްޔާގެ ސްކޫލްގެ އާ އިމާރާތް ކުރެވިގެން ދާނީ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ކަމަށެވެ. އަމީން ކޮންސްޓްރަކްޝަނަށް އަރަބިއްޔާ ސްކޫލް އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ 168.5 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.