ރަމަޟާން މަހަށް ހާއްސަކޮށްގެން 'ދަ ޕްރެސް' އިން ހިންގާ ރޯދަ ކުއިޒް ލޯންޗު ކޮށްފިއެވެ.

ދަ ޕްރެސްގެ ރޯދަ ކުއިޒްއަކީ ކިޔުންތެރިންގެ އާންމު މައުލޫމާތާއި ޖަވާބު ދިނުމުގެ ހުނަރު ވަޒަން ކޮށްލަން ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ބައެކެވެ. އެގޮތުން ކްއިޒުގައި ކޮންމެ ދުވަހަކު ހިމެނޭ 5 ސުވާލަށް އެންމެ އަވަހަށް ޖަވާބުދީ އެންމެ ގިނަ ޖަވާބު ރަނގަޅުކުރާ ފަރާތަކަށް ކޮންމެ ދުވަހަކު ފްޑްބޭންކު މިލޭނިއަމްގެ ހެޔޮއެދުންތަކާއެކު 'ހިލޭ ރޯދަވީއްލުމެއް' ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރޯދަ އާއި ސުވާލު ޕްރޮގްރާމަކީ ރޯދަ ނިމޭ އިރު އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ ފަރާތަކަށް ކޮފީ މެޝިނެއް ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ހެނދުނު 6 އިން 12 އަށް 1 ސުވާލު، މެންދުރު 12 އިން އިރުއޮއްސި 6 އަށް 1 ސުވާލު އަދި އިރުއޮއްސި 6 އިން ރޭގަނޑު 12 އަށް 1 ސުވާލު ހުށައަޅާ އިރު ކޮންމެ ސުވާލެއްގެ ޖަވާބުވެސް އެ ސުވާލަކަށް ކަނޑައަޅާފައި އޮންނަ ގަޑި ހަމަވުމުގެ ކުރިން ފޮނުވަން ޖެހޭނެއެވެ.

ދަ ޕްރެސްގެ ކުއިޒާއި ރޯދައާއި ސުވާލު ޕްރޮގްރާމްގެ އިތުރުން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރު ވާހަކަ މުބާރާތައް ވެސް ދަ ޕްރެސް އިން ކުރިއަށް އެބަ ގެންދެއެވެ. މި މުބަރާތަށް ހުށަހަޅާ ކުރު ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ތިން ވާހަކަ ހޮވާ އިނާމު ދޭނެއެވެ.

މި ވާހަކަ މުބާރާތަށް ހުށަހަޅާފައިވާ ވާހަކަތަކުގެ ތެރެއިން 1 ވަނައަށް 1500 ރުފިޔާ، 2 ވަނައަށް 1000 ރުފިޔާ، 3 ވަނައަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދަ ޕްރެސްއިން ރޯދަމަހަށް ހާއްސަކޮށްގެން ގެންނަ 'މީހުން' ގެ ސެގްމެންޓާއި ލުއި ހަބަރުގެ އިތުރުން ބާޒާރު ސެގްމެންޓް ދަ ޕްރެސްގެ ރޯދަ ސަފްހާ އިން ފެނިގެންދާނެއެވެ.