ޖުމެހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކުރިމަތި ލައްވައިފިއެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވަނީ "ދަ ޕްރެސް" އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ. މިއަދު 12:00 އަށް ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ފޯމު ހުށަހެޅުއްވި ހަމައެކަނި މެންބަރަކީ ގާސިމްއެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައި ޖޭޕީއިން ރިޔާސީ ރޭހަށް ނިކުންނަން ފާސްކޮށްފައި ވާއިރު ގާސިމް ވާދަ ކުރައްވަން ތާއީދުކޮށް އެ ޕާޓީގެ ގިނަ މެންބަރުން ދަނީ މިހާރުވެސް މީސްމީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.

މީގެ އިތުރުންވެސް އިންތިހާބާ ގުޅުންހުރި ކަންކަމުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާ ހަވާލުކޮށްފައިވާ ކަމަށާއި ޕާޓީގެ ގުނަވަންތަކުން އަމީނަށް އެއްބާރުލުން ދިނުމަށް ގާސިމް ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.

މިހާރު އޮތް ސަރުކާރު ކޯލިޝަނާ ވަކިން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ، ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި، ކޯލިޝަނެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސް ދައުވަތު ދެއްވާފައި ވަނިކޮށެވެ. މި މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ގާސިމް އާއި ރައީސް ސޯލިހުވަނީ ބައްދަލުވެސް ކުރައްވާފައެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

އެހެން ލީޑަރުންނާ ހިލާފަށް ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރައީސް ގާސިމް އިބްރާހިމަށް ތާއީދު ކުރަން ވަނީ ރޭ ނިންމާފައެވެ. މިހާރު ހަލުވިކަމާއެކު ކުރިއަށް ދަނީ އެގްރިމެންޓް ހެދުމުގެ މަސައްކަތް ކަމަށް ނަޝީދު ފެކްޝަނުގެ ފަރާތުން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.