ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވަކިކޮށްފިއެވެ.

ނޮވެމްބަރު 22، 2018 ގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވި ޝިފާޒު ވަކިކޮށްފައި ވަނީ މިއަދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝިފާޒަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަޝީދު ކުރިއަށް ގެންދަވާ ފިކުރެއްގެ ދިރުން ހަރަކާތުގައި ވެސް އިސްކޮށް ޝިފާޒް ބައިވެރިވެއެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން އެހެން ގޮތްޕެއް ހެދުމުގެ މަސައްކަތް ކުރައްވާއިރު އެކަމުގައި ސިއްޕެ އިސް ދައުރެއް އަދާކުރައްވައެވެ. ފިކުރެއްގެ ދިރުމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދަށް އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާ ކަން ހާމަ ކުރައްވާފައި ވާ ރައީސް ނަޝީދު ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު އަދި ރަސްމީކޮށް އިއުލާން ކުރައްވާފައި ނުވި ނަމަވެސް މި ފަހަކަށް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ނަޝީދުގެ ތާއީދު އޮތްކަން އަންނަނީ ފެންނަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު މިހާރު ކަނޑައެޅިފައި ވާއިރު ޕާޓީ އޮންނަން ވާނީ އެ ނިންމުމާ އެއްގޮތަށް ކަމަށާއި މިހާރު ހުރިހާ މެންބަރުންވެސް ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.