ގޭބިސީގެ ކަރަންޓު މީޓަރުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހިމެނޭނަމަ 'ޔޫޓިލިޓީ މީޓާ އެކްސްކްލޫޝަން ފޯމް' ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންގައިފިއެވެ.

ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ނަގާ ފީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރުތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ވަނީ ނިންމާފައެވެ.

މީގެ ކުރިން ވެމްކޯއިން ވަނީ އިމާރާތްތަކުގައި ބޭނުންކުރާ ލިފްޓާއި މެއިންޓަނަންސް މީޓަރުތަކުގެ ބިލު އެ ކުންފުނީގެ ބިލާ ނުގުޅުވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ކުންފުނިން ބުނީ ސްޓެލްކޯގެ ޑޭޓާބޭސްގައި ހިމެނޭ މީޓަރުތަކުގެ ލިސްޓުން ފާހަގަނުކުރެވޭ ލިފްޓު އަދި މެއިންޓަނަންސް މީޓަރުތައް ބިލުގައި ހިމެނޭނެކަމަށެވެ.

މިއަދު ވެމްކޯއިން ވަނީ 'ޔޫޓިލިޓީ މީޓާ އެކްސްކުްލޫޝަން ފޯމު' ގެ އިތުރުން ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން 'ޕްރައިމަރީ މީޓާ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން' ފޯމް ފުރިހަމަކުރުމަށް ފަހު އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އަންގާފައެވެ. މީގެ އިތުރުން ވެމްކޯއިން ވަނީ ހިދުމަތް ހޯދާ އެކި މުއައްސަސާތަކާއި ވިޔަފާރިތަކަށް ފޮނުވާފައިވާ 'އިންފޮމޭޝަން އަޕްޑޭޓް ފޯމު' ފުރިހަމަ ކުރުމަށްވެސް އެދިފައެވެ.

ވެމްކޯއިން ބުނީ މި ތިން ފޯމުވެސް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން އެ ކޯޕަރޭޝަނުންވަނީ އަންނަ އެޕްރީލްމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ. އިތުރަށް ވެމްކޯއިން ވަނީ މި މުއްދަތުގެ ތެރޭގައި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކަނޑާލާނެކަމަށް ބުނެފައެވެ.