މާލޭގެ އޮފީހެއް ފަޅާލާ 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގި މީހަކު މާލެއިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލާ 7 ލައްކައަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް މިމަހު 23 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅު ތަން ބަލާ ފާސްކޮށް 5 ލައްކައަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެެވެ.

ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުން އެހެން އަހަރުތަކާ ބަލާއިރު 2022 ވަނަ އަހަރު ރަމަޟާން މަހު ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތައް މަދެވެ. މި ގޮތުން މިދިޔަ އަހަރު ރަމަޟާން މަހު ހުށަހަޅާފައިވަނީ ވައްކަމުގެ 286 މައްސަލައެވެ.