ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ، ހަ މަސްދުވަހުގެ ތެރޭގައި 52.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރު އިސްތިއުނާފްކުރުމަށް ހުށަހެޅި މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ވ. ފުއްގިރީގެ ޝަރީއަތް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.
ޔާމީންގެ ފަރާތުން ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، އިސްތިއުނާފުގެ ޝަރީއަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޝިޔާޒްގެ ހުށަހެޅުމަށް ތާއީދުކުރައްވާ ދައުލަތުގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ، ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ މައްސަލަތައް ބެލުމަށް ދީފައި އޮންނަ މުއްދަތުގައި ކްރިމިނަލް ކޯޓުން އާންމުގޮތެއްގައި ޝަރީއަތް މަޑުޖައްސާލާ ކަމަށާއި، ކްރިމިނަލް ކޯޓުން ދައުލަތަށް އަދި ނޯޓިސް ނުފޮނުވާ ކަމަށެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި ވަގުތީ އަމުރެއް ނެރެދިނުމާ މެދު ރިޔާސަތުން ގޮތެއް ނުނިންމައެވެ.
ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން، ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވާ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭގެ ދެ މަސް ފަހުން މިދިޔަ މަހުގެ ފަހުކޮޅު، ކްރިމިނަލް ކޯޓުން ވަނީ ހަ މަސްދުވަހުގެ ތެރޭގައި 52.6 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.
ޔާމީން ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ވަކީލުން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.