މަޝްހޫރު ފިލްމު ސީރީޒް "ހެރީ ޕޮޓާ" ގައި ހެރީގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ޑެނިއަލް ރެޑްކްލިޕް ބައްޕައަކަށްވާން އުޅޭކަން އިއުލާންކޮށްފިއެވެ.

އެކަން ހާމަކުރަމުން ޑެނިއަލް ބުނީ ބައްޕައަކަށް ވާން އުޅޭތީ ވަރަށް އުފާވާ ކަމަށާއި މިއީ މުޅިން އާ ތަޖުރިބާއެއްކަމަށެވެ. އެރިން ޑާކް ވިހާނީ މިއަހަރު ފަހުކޮޅު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެރިން އަކީ ޑެނިއަލްގެ ދުވަސްވީ ލޯބިވެރިޔާއެވެ. މީގެ ކުރިން ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޑެނިއަލް ބުނީ ބައްޕަ އަކަށްވުމަކީ އޭނާ ދެކޭ ހުވަފެނެއްކަމަށާއި އެކަން ފުރިހަމަވެއްޖެނަމަ ދަރިން ގޮވައިގެން ފިލްމު ސެޓަށް ގޮސް ބައްޕަ ކުރާ މަސައްކަތް ދައްކާނެ ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޑެނިއަލް އާއި އެރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ކިލް ޔޯ ޑާލިންސް" ގެ ސެޓުން ދިމާވެ ވާހަކަ ދައްކަމުން ގޮސް ދެމީހުން އެ އަހަރު ލޯބީގެ ގޮތުން ގުޅުނެވެ. 10 އަހަރު ދުވަސްވީ މި ގުޅުމަށް އަލަތު ދަރިފުޅު ލިބެން އުޅޭތީ ދެމީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ.

މަޝްހޫރ ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ބުކް ސީރީޒް "ހެރީ ޕޮޓާ" ގެ އަސްލަށް ބަލައިގެން ފިލްމުގެ އަށް ބައި މިހާތަނަށް ގެނެސްދީފައިވާއިރު ޑެނިއަލް ހެރީ ގެ ރޯލު ކުޅެން ފެށީ އޭނާގެ އުމުރުން އެންމެ 12 އަހަރުގައެވެ. ފިލްމު ސީރީޒް އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑެނިއަލް އެންމެ ފަހުން ފެނިގެންދިޔައީ ވިއަޑް: ދި އަލް ޔަންކޮވިކް ސްޓޯރީ" އިންނެވެ. އެ ފިލްމު ރިލީޒްކުރީ މިދިޔަ އަހަރު ފަހުކޮޅެވެ.