ރަޝިއާގެ ދެމިއޮތުމަށް ނުރައްކާވެއްޖެ ނަމަ، އެމެރިކާވެސް ނައްތާލެވޭ ވަރުގެ ހަތިޔާރު އެބަހުރި ކަމަށް ވިދާޅުވެ، ރަޝިއާ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލައި ޕެޓްރަޝޭވް އިންޒާރު ދެއްވައިފިއެވެ.

ރަޝިއާގެ ފަރާތުން އޭނާ މިހެން ވިދާޅުވީ، ފުރަތަމަ ފަހަރަށް ރަޝިއާގެ ނިއުކްލިއާ ހަތިޔާރު ގައުމުން ބޭރަށް ގެންދާ މައްސަލައިގައި ހުޅަނގާއި އެމެރިކާއިން ފާޑުކިޔާފައި ވާ ދަނޑިވަޅެއްގައެވެ.

ރަޝިއާއިން ބުނީ، ހުޅަނގުން ދައްކާހާ ވާހަކަ އަކަށް ނުބަލާނެ ކަމަށާއި ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް ގެންދިޔުމުގައި ނުފޫޒެއްވެސް ނުފޯރުވޭނެ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެމެރިކާގެ ސިޔާސީ ފަރާތްތަކުން ހީކުރަނީ، އެމެރިކާއާއި ރަޝިއާ އާ ކުރިމަތިލުމަކަށް ހިނގައްޖެ ހާލަތެއްގައި އެމެރިކާގައި ހުރި މިސައިލްތައް ބޭނުން ކުރުމުން ރަޝިއާއަށް ގޮތް ހުސްވެ ރަޝިއާ ނައްތާލެވޭނެ ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށް ހީއެއް ކަމަށާއި އަދި އެއީ ވަރަށް ނުރައްކާ ވިސްނުމެއް ކަމަށެވެ.

"ރަޝިއާ އޮތީ ކެތްތެރިކަމާއެކު މަޑުން، އެއްވެސް ބައެއްގެ މައްޗަށް ނުފޫޒެއް ފޯރުވާ މާ ގަދަކަން ދައްކާކަށް ނޫޅެން، އެކަމަކު ރަޝިއާ އަތުގައި އެބަހުރި ހާއްސަ އަދި ޒަމާނީ ހަތިޔާރު، އެއީ އެމެރިކާ ހިމެނޭހެން ރަޝިއާގެ ދުޝްމަނުން ނައްތާލެވޭ ވަރުގެ ހަތިޔާރު"
ނިކޮލައި ޕެޓްރަޝޭވް

ބެލަރޫސް އަށް ރަޝިއާގެ ހަތިޔާރު ގެންދާ މައްސަލަގައި ހުޅަނގާއި ޔޫކްރައިނުން މިހާރު ބާރު އަޅަމުން ދަނީ ރަޝިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު ބެލަރޫސް އާއި ރަޝިއާގެ އެތްލީޓުންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުންވެސް މަނާ ކުރާށެވެ.

އެގޮތުން ޔޫކްރައިން، އެސްޓޯނިއާ، ލެޓްވިއާ، ލިތްއޭނިއާ އަދި ޕޮލަންޑް ގުޅިގެން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި އެގައުމުތަކުން އަލިމްޕިކް ކޮމިޓީއަށް ގޮވާލާފައި ވަނީ 2024 ގައި ޕެރިސްގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި އެ ދެގައުމުގެ އެތްލީޓުންނަށް ފުރުސަތު ނުދިނުމަށެވެ.

ރަޝިއާ އިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށިތާ އަހަރަކަށް ވުރެ ދިގުލައިގެން ގޮސްފައި ވާ އިރު، ހުޅަނގުން ޔޫކްރައިނަށް ދެމުން ގެންދާ މަދަދުވެސް ދަނީ ފުޅާކުރަމުންނެވެ. ރަޝިއާ އާ ދެކޮޅު ޔޫކްރައިނަށް ވާގިވެރިވާ ނޭޓޯއާއި ބޯލްކަންގެ އިތުރުން އީޔޫގެ ގައުމުތަކުން ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ރޭހެއް ފަށާފައިވާ މިދަނޑިވަޅުގައި ހުޅަނގުން ދޭން އެއްބަސްވި ޓޭންކް ތަކުގެ ތެރެއިން ޖަރުމަނުން ދޭ ލެޕާޑް 2 މަރުކާގެ 18 ޓޭންކާއި ހަނގުރާމަ މަތީ އިތުރު 2 ޓޭންކާއެކު ޖުމްލަ 21 ޓޭންކް ޔޫކްރައިނަށް މިއަދު ގެންގޮސްފިއެވެ. މީގެ އިތުރުން މައިދާނުގައި ބޭނުން ކުރާ "ޖާމަން މާޑާ" ވެހިކަލްގެ 40 އުޅަނދާއި ރިކަވަރީ ވެހިކަލްގެ ގޮތުގައި ބޭނުން ކުރާ އިތުރު 2 އުޅަނދެއްވެސް ވަނީ މިއަދު ޔޫކްރައިނަށް ގޮސްފައެވެ.

ޖަރުމަނުގެ މި ލެޕާޑް 2 މަރުކާގެ ޓޭންކަކީ، އެއްގަމުގެ ހަނގުރާމައިގައި މިހާތަނަށް ބޭނުން ކުރާ އެންމެ ކާމިޔާބު އެއް ޓޭންކެވެ. ހަބަރުތައް ބުނާގޮތުން މި ޓޭންކްތައް ބޭނުން ކުރުމަށް ޖަރުމަނުން ވަނީ ޔޫކްރައިންގެ ސިފައިން ވެސް ތަމްރީން ކޮށްފައެވެ.

ޖަރުމަނުގެ ޓޭންކްގެ އިތުރުން ޕޯޗުގަލް އިން ހަދިޔާ ކުރި ލެޕާޑް 2 މަރުކާގެ 3 ޓޭންކްވެސް މިހާރު އޮތީ ޔޫކްރައިންގައެވެ.

މީގެ އިތުރުން އިނގިރޭސީން ހަދިޔާ ކުރާ ޗެލެންޖާ 2 މަރުކާގެ ޓޭންކް ދުއްވާނެ ޔޫކްރައިން ސިފައިންވެސް މިހާރު ތަމްރީންކޮށް ނިމިފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ޔޫކްރައިން ހަނގުރާމައިގެ މައިދާން އިތުރަށް ހޫނުވެގެން ދާނެ ކަމަށް ލަފާ ކުރެވޭ މި ހާލަތުގައި ހުޅަނގުން މިހާރު ނިންމާފައި ވަނީ ޔޫރޭނިއަމުން މުއްސަނދި ކޮށްފައިވާ ހަތިޔާރުވެސް ޔޫކްރައިން އަށް ފޯރުކޮށްދޭށެވެ. މި ވައްތަރުގެ ހަތިޔާރަކީ ސާބިއާ ހަނގުރާމައިގެ ދުވަސްވަރުވެސް ބޭނުން ކުރި، ވިހަ އެކުލެވޭ ހަތިޔާރު ކަމުން މިއީ ދިގުދެމިންގެދާ ސިއްހީ ގެއްލުންތަކެއް ޔޫކްރައިނަށާއި މުޅި ސަރަހައްދަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަނގުރާމަ އިތުރަށް ދިގުލައި ވަރުގަދަވެގެން ހިނގައިދާނެ ހާލަތުތައް ކުރިމަތީގައި އޮތް އިރު އީޔޫއިން މިހާރު ވިސްނަމުން ދަނީ ޔޫކްރައިނާ އިންވެގެން އޮންނަ ޕޮލަންޑްގައި ހަތިޔާރު އުފެއްދުމަށް 2 ބިލިއަން ޔޫރޯގެ މަޝްރޫއެއް ފަށާށެވެ. އެ މަޝްރޫއުގެ ބޭނުމަކީ، ހަތިޔާރު އުފައްދާ އަވަހަށް ޔޫކްރައިނަށް ފޯރުކޮށްދިނުމެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރުވެސް ދުވާލެއްގެ މައްޗަށް 6000 އަށް ވުގެ ގިނަ ބޮޑުބަޑީގެ އުންޑަ (އާޓިލަރީ ޝެލް) ޔޫކްރައިނުން ބޭނުން ކުރެއެއެވެ. އަދި އެކި ވައްތަރުގެ ބޮޑުބަޑީގެ ވަޒަން ނުވަތަ އުންޑަ ހިމެނޭ ގޮތުން ދުވާލެއްގެ މައްޗަށް 50،000 ހަމަލާ ޔޫކްރައިނުން ރަޝިއާގެ މަގާމުތަކަށް ފޮނުވާލައެވެ. މިއާއެކު ޔޫކްރައިނުން އުންޑައަށް ޖެހި އުތުރު ބިތުން ކުރިއަރަމުން އަންނަ ރަޝިއާގެ ފައުޖުތަކަށް ދޭން ބޭނުންވާ މިންވަރަށް ހަމަލާއެއް ނުދެވެއެވެ.