ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކުރަން ނޫޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ދެ މުއައްސަސާ އެއްކޮށްލައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއެކު ރެގިއުލޭޓް ކުރަން ހަންނާނު ބިލެއް ވައްދައިފިއެވެ.
މީޑިއާތައް ކޮންޓްރޯލް ކުރެވޭގޮތަށް މީގެ ކުރިން ވެސް ބިލެއް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގައި ބ. ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިފަހަރު ހުށަހެޅުއްވި ބިލުގައި މީޑިއާތައް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ނޫސްވެރިން 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.
އަދި ލައިސަންސާއި ރަޖިސްޓްރީ ހިފެހެއްޓުމާއި ބާތިލް ކުރުމުގެ އިތުރުން، ދެ މުއައްސަސާ އެއްކޮށްލައި ހަދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން އެހެން ގާނޫނަކުން މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރުވެސް ދީފައި ވެއެވެ.
އެގޮތުން ހުށަހެޅި ބިލުގެ 73 ވަނަ މާއްދާގައި ބުނަނީ، ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ގާނޫނަކުން ބެލުމަށް ކޮމިޝަނަށް ބާރު ލިބޭ ކަމަށާއި އެގޮތުން މައްސަލައ ބަލައި ތަހުގީގުކޮށް އެ ގާނޫނެއްގެ ދަށުން ފިޔަވަޅުވެސް އެޅިދާނެ ކަމަށެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މިއީ އެހެން ގާނޫނަކުން މައްސަލަ ބަލާއިރު ކޮމިޝަންގެ ގާނޫނުގައި ބުނާ ފިޔަވަޅު އެ މީޑިއާއަކަށް ނުވަތަ ނޫސްވެރިއެއްގެ މައްޗަށް ނުވަތަ އެ މީޑިއާއެއްގައި މަސައްކަތް ކުރާ ފަރާތެއްގެ މައްޗަށް އެޅުމަށް އޮތް ހުރަހެއް ނޫނެވެ.
އަލަށް އުފައްދާ ކޮމިޝަން އެކުލަވާލަން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި 3 މެންބަރުންނާއި މީޑިއާތަކުން ތަމްސީލު ކުރާ 4 މެންބަރުން ހިމެނޭހެން ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.
ކޮމިޝަނުގެ ބައްދަލުވުމެއް މަހަކު 1 ފަހަރު ބާއްވާގޮތަށް ފަރުމާ ކޮށްފައި އޮތް މި ބިލުގައި އެކުލަވާލައި ކޮމިޝަންގެ ދައުރަކީ 5 އަހަރެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހަށް ތާވަލު ކޮށްފައި ވާއިރު، މީޑިއާ ކޮންޓްރޯލް ކުރަން މީގެ ކުރިން ހަންނާން ހުށަހެޅި ބިލު ފާޑުކިޔުންތައް ބޮޑުވުމާއެކު އޭނާ ބިލު އަނބުރާ ގެންދެވިއެވެ.