އަމީނިމަގު ހެދުމުގެ ބޭނުމަށް އެ މަގުގައި އިންދާފައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ނަޝީދުގެ ފަރާތްޕުޅުން ޝުނާނާ އެންޑް ކޯ ލޯ ފާމުން ހުށަހެޅި އެ މައްސަލަ އަނބުރާ ގެނައުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާފައި ވަނީ ފެބްރުއަރީ 15ވަނަ ދުވަހު ކަމަށް ސިވިލްކޯޓުގެ ނެރުނު މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ވެއެވެ.
އެ ލޯފާމުން އެ މައްސަލަ ހުށަހަޅެނީ އަމީނީ މަގުގައި ހުރި ގަސްތައް ނުނަގައި މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހުރި ކަމަށް ބުނެއެވެ. އަދި އެ މައްސަލާގައި އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ. ނަމަވެސް ވަގުތީ އަމުރު ދީފައިނުވާ ކަމަށްވެސް ސިވިލް ކޯޓުގެ ރިޕޯޓުގައިވެއެވެ.
މައްސަލަ ހުށަހަޅާފައި ވަނީ ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގަތުމަށް ފަހުއެވެ. އަދި އެހެން ނޫނީ ޝަރީއަތަށް ވަޑައިގަތުން ނޫން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވި ގޮތުގައި ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާނެއެވެ. އެކަމާ ގުޅިގެން އަމީނީ މަގު ހަދަމުން އަންނަ އާރްޑީސީއިން ބުނީ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އާރްޑީސީއިން ބުނެއެވެ.