ކުޅިވަރު ކުޅުންތެރިން އާންމު ގޮތެއްގައި ފެންނަނީ ވަކި ހާއްސައެއް ކުޅިވަރަކަށް ހުސްވެ ހުންނަތަނެވެ. މިއާ ހިލާފަށް ގިނަ ކުޅިވަރުތަކެއްގައި ހަރަކާތްތެރިވާ މީހުން މަދުން ނަމަވެސް ފެންނަކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އެ ގޮތުން ބަލާއިރު ހދ ނޮޅިވަރަމް، 29 އަހަރުގެ އިޔާން އަބްދުލް އަލީމްއަކީ މިކަމުގެ މިސާލެކެވެ.
ގައުމީ ފެންވަރުގެ މުބާރާތްތަކުން އިޔާން ފެންނައިރު އޭނާއަކީ ފުޓުބޯޅައިގެ އިތުރުން ބެޑްމިންޓަން ކުޅުމުގައި ހުނަރުވެރި ޒުވާނެކެވެ.
ކުޑައިރުންސުރެ ފުޓްބޯޅަ ކުޅުމަށް އުފެދުނު ޝައުގާއެކު އޭނާ މާލެއައީ ރަށު ސުކޫލުން އޯލެވެލް ނިންމާލުމަށް ފަހުއެވެ. އިޔާން ބުނީ އެންމެ ކުޑަ އިރުން ފެށިގެންވެސް ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ފުޓުބޯޅަ ނުކުޅޭ އިރެއް ހަނދާން ނުހުންނަ ކަމަށެވެ.
ފުޓުބޯޅައިގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދެމުން އިޔާން ބުނީ ފުޓުބޯޅައިގެ ދާއިރާ ފެށުނީ އެފްއޭއެމް ޔޫތު މުބާރާތުން 2013 ވަނަ އަހަރު ކަމަށެވެ. މާޒިޔާ ސްޕޯޓްސް ކްލަބަށް ފުރަތަމަ ކުޅުނު އެ މުބާރާތަކީ އޭނާގެ ބެސްޓްފްރެންޑް އަމްދާން އަލީ (އެންޑީ) ހޯދަދިން ފުރުސަތެއް ކަމަށް އިޔާން ވަނީ ބުނެފައެވެ. އެއަށްފަހު ޖެހިގެން އައި 2014 ވަނަ އަހަރު މާޒިޔާގެ ބޮޑު ޓީމަށް ހޮވުނުއިރު އޭނާގެ ފުޓްބޯޅާއިގެ ހަޔާތް ފެށިފައި ވަނީ މާޒިޔާ ސްޕޯޓްސް ކްލަބުންނެވެ.
ރާއްޖޭގައި ކުޅޭ ބޮޑެތި މުބާރާތްތައް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާއި އުރީދޫ ޕްރިމިއާ ލީގު އަދި ދިރާގު ދިވެހި ޕްރިމިއާ ލީގު އިޔާންގެ ބައިވެރިވުމާއެކު ކާމިޔާބުކޮށްފައި ވުމަކީ އޭނާގެ ފުޓުބޯޅައިގެ ހަޔާތުގައި ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއެވެ. އަދި އިޔާންގެ 9 އަހަރުގެ ވީ ފުޓުބޯޅައިގެ ހަޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިއަށް ގެންދިޔަ އެފްއޭ ކަޕް ޗެމްޕިއަންސް ގެ ފައިނަލް މެޗަކީ އޭނާއަށް ވަރަށް ހާއްސަ މެޗެކެވެ.
މި ދާއިރާގައި އެންމެ އުފާވި ދުވަހެއްގެ ގޮތުގައި އިޔާން ފާހަގަކޮށްފައި ވަނީ 2015 ވަނަ އަހަރު ޕްރެސިޑެންޓް ކަޕް ފައިނަލްގައި އައްޑޫ މެޗުން މޮޅުވި ދުވަހެވެ. އޭނާ އެ ދުވަސް ސިފަކުރަނީ ފުޓުބޯޅަ "ކެރިއާގައި" އެންމެ އުފާވި އަދި އެންމެ ތަފާތު ދުވަހުގެ ގޮތުގައެވެ. އަދި 2018 ވަނަ އަހަރުގެ ސެކަންޑް ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އޭނާ ހޮވުނު ދުވަހަކީ ވަރަށް ފާހަގަ ކޮށްލެވޭ އަދި އެހާމެ އުފާވި ދުވަހެއް ކަމުގައި ވެސް އިޔާން ވަނީ ބުނެފައެވެ.
ކޮންމެ މުބާރާތެއްގައި ފުރިހަމަ ކާމިޔާބީއެއް ނުލިބުނު ނަމަވެސް އިޔާން ހުރީ ހިތްވަރު ދޫ ކުރާ ގޮތަކަށް ނޫނެވެ. 2021 ވަނަ އަހަރު އަލިފުށީގައި ކުޅުނު ޕްރެސިޑެންޓް ކަޕް ފައިނަލް މެޗުން ބަލިވި ދުވަހަކީ އެންމެ ދެރަވި ދުވަހުގެ ގޮތުގައި އިޔާން ފާހަގަ ކޮށްފައި ވާއިރު އެދުވަހުގެ މެޗުން ބަލިވީ 120 މިނެޓު ކުޅުމަށް ފަހު ދިން އިތުރު ވަގުތުގެ ފަހު ގަޑީގައި ވެލެންސިއާއިން ގޯލެއް ޖެހުމުންނެވެ. މުޅި މެޗުގައި އެ ވަރަށް މަސައްކަތްކޮށް އެންމެ ފަހު ވަގުތު ބަލިވުމުން ވަރަށް ދެރަވި ކަމަށް އޭނާ ބުނެއެވެ.
ފުޓުބޯޅައިގެ ދުނިޔެއިން ކުޑައިރުއްސުރެ އިޔާން ދުށް އެއް ހުވަފެނުގައި މިއަދު ހަގީގީ ކުލަޖެހިފައި ވެއެވެ. އެއީ އަލީ އަޝްފާގު (ދަނގަޑޭ) އާއެކު ގައުމީ ޓީމަށް ކުޅުމެވެ. އެ ހުވަފެނުގައި ކުލަޖެހިފައި ވަނީ މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ސިންގަޕޫރު އަދި މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއާއެކު ވެސް ފުޓުބޯޅައިގެ ދުނިޔޭގައި އިޔާން ކުލަޖައްސަން އެންމެ ބޭނުންވާ ހުވަފެނެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ ގައުމު ތަމްސީލުކުރަން ގައުމީ ޓީމު ޖޯޒީ ލައިގެން ކުޅެލަން ފުރުސަތު ލިބުމެވެ. އަދި ކުޅެލަން އެންމެ ބޭނުންވާ މުބާރާތަކީ ސާފު ޗެމްޕިއަންޝިޕް ކަމަށްވެސް އޭނާ ބުންޏެވެ.
އިޔާންގެ މައިގަނޑު އަމާޒަކީ ވެސް އެއީއެވެ. އެތައް ފަހަރަކު ގައުމީ ޓީމު ސްކޮޑްގައި ހިމެނުމަށް ފަހު ފައިނަލް ސްކޮޑުގައި ގިނަ ފަހަރަށް ނުހިމެނުނު ނަމަވެސް ހިތްވަރު އެލުވާނުލާ މަސައްކަތްކޮށް އިޔާން ވަނީ އެންމެ ފަހުން ބުރުނާއީ، ލާއޯސްއާއި ސިންގަޕޫރު އަދި މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ނިކުތް މެޗުތަކުގެ ސްކޮޑްގައި ހިމެނިފައެވެ.
އިޔާން ބުނީ ފުޓުބޯޅަގައި މިހާ ހިސާބަށް އާދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފުޓުބޯޅައިގައި ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިޔާން ބުނީ ރަނގަޅަށް ކުޅުމެއް ކުޅޭ ކުއްޖާއަށް ވުރެ ނުކުޅެ ހުންނަ ކުއްޖާއަށް ވެސް ވަރަށް ގިނަ ފަހަރު ފުރުސަތު ދީފައި އެބަހުރި ކަމަށެވެ. އިޔާން ބުނި ގޮތުގައި ޓީމަށް ހޮވެނީ ވަރަށް ގިނަ މަސައްކަތް ކޮށްގެންނެވެ. ހަމައެއާއެކު ޒުވާން ދުވަސްވަރު ފުޓުބޯޅައިން އަސްލު އެންމެ އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށާއި ކީޕަރެއްގެ ކުޅުން ފެންނާނީ 30 އަހަރު ވީމައޭ ގިނަ ބަޔަކު އިޔާން ގާތު ބުނެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ގޮންޖެހުންތަކާއެކު ވެސް ލިބިފައިވާ ކާމިޔާބީއާ މެދު އިޔާން އުފާ ކުރެއެވެ.
އިޔާން ބުނީ ފުޓުބޯޅަ ކުޅުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފުޓުބޯޅަ ކެރިއާގައި ލިބުނީ ބެސްޓްފްރެންޑް އެންޑީ އަދި އަސަދުﷲ، އަބަދުﷲގެ ފަރާތުން ކަމަށެވެ. އަދި ފުޓުބޯޅަ ކެރިއާގައި މިހާ ހިސާބަށް އާދެވުނީ އެ ދެ މީހުންގެ ސަޕޯޓަރެއް ކަމަށާއި އެމީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އެގޮތުން ބޭނުންވެގެން ބުނެލި ކޮންމެ ކަމެއްގައި ވެސް އެންޑީއާއި އަސަދުﷲގެ ސަޕޯޓް ލިބުނުކަން އިޔާން ވަނީ ފާހަގަ ކޮށްފައެވެ.
ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދާ ކޮންމެ މީހަކު ވެސް އެމީހަކު ނަމޫނާއެއްގެ ގޮތުގައި ބަލާ ވަކި ހާއްސަ މީހަކު ހުންނައިރު އިޔާން ނަމޫނާއަކަށް ބަލަނީ ނުވަތަ އިންސްޕިރޭޝަންގެ ގޮތުގައި ދެކޭ ކުޅުންތެރިއަކީ މިދިޔަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ލިބުން އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ.
ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އިޔާން ދޭން ބޭނުންވާ މެސެޖަކީ އެއްވެސް ކުއްޖަކު ހިތްވަރު އެލުވާ ނުލާ މަސައްކަތް ކުރުމުގެ އިތުރަށް ރަނގަޅު ވަގުތަށް ކެތްތެރިވެ ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމެވެ.
ބެޑްމިންޓަންގައިވެސް ހުނަރުވެރި ޒުވާނެއް
ބެޑްމިންޓަން ކުޅުމަށް ވެސް ލޯބިކުރާ އިޔާން ފުޓުބޯޅައިގެ ދާއިރާ ފިޔަވައި އެހެން ދާއިރާއަކުން ފެންނާނެ ނަމަ ފެންނާނީ ބެޑްމިންޓަން ކުޅުމުގެ ދާއިރާއިން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަހުމަދު ވަސީމް (އިޔާންގެ ދޮންބެ) ބެޑްމިންޓަން ކުޅޭތަން ފެނި އެ ކުޅިވަރަށް ޝައުގުވެރިކަން އުފެދުނުއިރު ބެޑްމިންޓަންގެ ދާއިރާއިން ކުރިއަށް ދިއުމަށް އެންމެ އެހީތެރިވި މީހަކީ ވެސް އޭނާގެ ދޮންބެއެވެ. ބެޑްމިންޓަން ކުޅުމުގެ ދާއިރާއިން ލިބުނު ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވެސް އޭނާގެ ދޮންބެ ވާކަން ފާހަގަކޮށް އިޔާން ބުނީ މިހާރު ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދޮންބެގެ ފަރާތުން ލިބޭކަމަށެވެ. އަދި އެންމެ ގާތް އެކަކު ކަމުގައިވާ ހަސަން ޒަރީރު (ޒައްރަ)ގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބޭކަން އޭނާ ފާހަގަކުރިއެވެ.
ފުރަތަމަ ފަހަރަށް ބެޑްމިންޓަންގެ ގައުމީ މުބާރާތެއް އިޔާން ކުޅެފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ މުބާރާތުން 3 ވަނަ ލިބުނުއިރު 2013 ވަނަ އަހަރު ވެސް އޭނާ ވަނީ ބެޑްމިންޓަންގެ ގައުމީ މުބާރާތުގައި ކުޅެ ބައިވެރިވި ހުރިހާ ޑިވިޝަން ތަކަކުން 2 ވަނަ ހޯދާފައެވެ. އެއަށްފަހު 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ހަމައެކަނި ޓީމު އިވެންޓަށް ކުޅެގެން ޓީމު އިވެންޓުން ކެޓިނަމަވެސް އިތުރު މަސައްކަތާއެކު 2021 ވަނަ އަހަރު ބައިވެރިވެ އެ އަހަރުގެ އޯޕެންސް އިން އޭނާ ވަނީ 3 ވަނަ ހޯދާފައެވެ. ނިމިދިޔަ އަހަރުވެސް ބެޑްމިންޓަންގެ ގައުމީ މުބާރާތުގައި އިޔާން ކުޅުނުއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާ މެންސް ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެ އަހަރު އަތޮޅު ލީގު ޑަބަލްސް ޗެމްޕިއަންކަން ވެސް އިޔާން ހޯދާފައިވެއެވެ.
ޒަވާޖީ ހަޔާތެއް ފަށާ މިއަހަރު އެއްމާބަނޑު 2 ކުދިން ވެސް ލިބިފައިވާ އިޔާން ބުނީ ވަޒީފާއަށް ދަމުން އާއިލާއަށް ވަގުތުދެމުން ކުޅެން ވަގުތު ހޯދުމަށް ވަރަށް އުނދަގޫ ކަމަށެވެ. އެސިސްޓެންޓް ޓެކްނީޝަނެއްގެ މަގާމުގައި ސްޓެލްކޯގައި އިޔާން ވަޒީފާ އަދާ ކުރަމުން، ކުޅެން ވަގުތު ހޯދަން އުނދަގޫވި ކަމުގައި ވިޔަސް އަނބިމީހާގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުޅެން ވަގުތު ހޯދޭ ކަން އޭނާ ފާހަގަ ކުރިއެވެ. ކުޅެން ދާން ބޭނުންވާ ގަނޑިއަށް އޮފީސް މަސައްކަތް ހުއްޓާފައި ޕްރެކްޓިސް އަށް ދާން ދޫނުކުރާތީ އުނދަގޫވި ނަމަވެސް އޮފިޝަލް އެލަވަންސް ވެސް ލިބޭކަން އޭނާ ފާހަގަ ކުރިއެވެ.
އިޔާންގެ ފުޓުބޯޅަ އަދި ބެޑްމިންޓަންގެ ހަޔާތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އިޔާން ވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އިޔާންގެ އާއިލާގެ ހުރިހާ މެންބަރުންނާއި ހުރިހާ ރަށްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް އޭނާ ޝުކުރު އަދާކުރިއެވެ. އިޔާން ބުނި ގޮތުގައި އޭނާގެ އަނބިމީހާގެ ވަރަށް ބޮޑު ސަޕޯޓެއް ލިބެއެވެ. އަދި މިހާރު ކުޅެން އުޅެވެނީވެސް އަނބިމީހާގެ ސަޕޯޓްއާއެކު ކަން ފާހަގަކޮށް އިޔާން ވަނީ އަނބިމީހާއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.