އޭރު އަހަރެންގެ އުމުރުންވާނީ ގާތްގަނޑަކަށް 21 އަހަރެވެ. މީހަކު މަރާލިކަމުގެ ތުހުމަތުގައި އަހަރެން ހައްޔަރުކުރެވުނެވެ. ލެއިން ތަތްތެޅިފައިވާ ހަންޖަރު އޮތީ އަހަރެންގެ އަތުގައެވެ. ލޭގެ ކޯރު ތެރޭ މަރާ ހަނގުރާމަ ކުރަމުން ދިޔަ މީހާގެ މޫނު އަހަންނަށް އަދިވެސް ސިފަވެއެވެ.

އަހަރެންގެ އުމުރުން އެންމެ 8 އަހަރުގައި އަހަރެންގެ ބައްޕަވަނީ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. ބައްޕަގެ ކުއްލި ވަކިވުމަކީ އަހަރެންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ. ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. އަހަރެންގެ މަންމަ އަދި 2 އަހަރުގެ ކޮއްކޮ ބިކަވީއެވެ.

ނަމަވެސް އުންމީދު ކަނޑާނުލާ މަންމަ ރެޔާއި ދުވާލު މަސައްކަތް ކުރަމުން ގެންދިޔައެވެ. ދުވާލު ސްކޫލެއްގެ މަސައްކަތު މީހަކަށެވެ. ރޭގަނޑު ފިހާރައެއްގެ ކޭޝިއަރަކަށެވެ. އަދި އެވަރުން ވީކީ ނޫނެވެ. ރަށުގެ 3 ހޮޓަލަކަށް ރޮށި ފިހެފާ ވިއްކައެވެ. ބައްޕަ ނެތް ކަމުގެ އިހުސާސް އަހަރެމެންނަށް ކުރެވޭކަށް މަންމަ ބޭނުމެއް ނުވެއެވެ.

މީސްކޮޅު މަދު އަމާން ރަށެއްގައި އުޅުނެއް ކަމަކު ރައްޓެހިންނާއި ގުޅިގެން ބޭރަށް ގޮހެއް އަހަރެން ނަހަދަމުއެވެ. އެއީ މަންމަ އެކަމަށް ނުރުހޭތީވެއެވެ. އަދި ކޮއްކޮ ބަލާނޭ މީހަކު ވެސް ނެތުމުންނެވެ.

މަންމަ ގޭގައި ނޫޅޭ ވަގުތުތައް އަހަރެންނާއި އަހަރެންގެ ކޮއްކޮ ހޭދަކުރަނީ ކިޔެވުމުގައެވެ. ކިޔެވުމަށް އަބަދުވެސް ޝައުގުވެރިވާ އަހަރެން ހޯދަމުން އައި ރަންވަނަތަކުން މަންމަ ވަރަށް ފަހުރުވެރިވެއެވެ. އަހަރެންގެ އަޒުމަކީވެސް އެއީއެވެ. މަންމައާއި ކޮއްކޮ ފަހުރުވެރިވާނޭފަދަ މީހަކަށްވުމެވެ.

އަހަރެންނާއި ހިލާފަށް ފިލާވަޅުތައް ދަސްކުރަން ކޮއްކޮ އަށް އެހާ ފަސޭހަ އެއްނޫނެވެ. ކޮއްކޮ ޓިޔުޝަނަށް ގެންދިޔުމަށް މަންމަ ބޭނުންވުމުން އެކަމަށް ދެކޮޅު ހަދާ ކޮއްކޮއަށް ގޭގައި ޓިޔުޝަން ދޭން ފެށީވެސް އަހަންނެވެ. އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ. އަވައްޓެރި ގެތަކުގެ ކުދިންނަށްވެސް ޓިޔުޝަން ދޭން ފެށީމެވެ. މަންމަ އަށް އެހިތެރިވުމުގެ ގޮތުންނެވެ.

އަހަރެން ގުރޭޑު10 އަކަށް ދިޔަ އަހަރެވެ. އަހަރެންނަކީ ސްކޫލުގެ ކެޕްޓަންއެވެ. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އަހަރެން ގައުމީ ގަދަ 10 އެއްގައި ލައްވާލިއެވެ. އަދި މަތީ ސާނަވީއަށް ދިޔުމަށް އަހަރެންނަށް ސްކޮލަޝިޕެއް ލިބުނެވެ. ވަރަށް ކުލަ ގަދަކޮށް މަންމަ މި ކަންތައް ފާހަގަ ކުރިއެވެ. މަންމަ އާއި ކޮއްކޮގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފެނި އަހަރެންގެ ހިތް އުފަލުން ފޮޅެއެވެ.

މަތީ ތައުލީމަށް އަހަރެން ދާން ބޭނުންވީ މާލެއަށެވެ. މި ކަމަކަށް މަންމަ އެއްވެސް ދެކޮޅެއް ނުހަދައެވެ. މަންމަ އަހަންނަށް އެހާވެސް އިތުބާރު ކުރެއެވެ. މަތީ ތައުލީމު ހޯދުމަށް އަހަރެން މާލެ ފުރަން ޖެހޭ ދުވަސް ކައިރި ވެއްޖެއެވެ. މަންމަ އާއި ކޮއްކޮ ފަހުރުވެރިވާނޭ ފަދަ މީހަކަށް ވުމަށް އެތައް ވައުދެއްވުމަށްފަހު އަހަރެން މާލެ ބަދަލުވީމެވެ. މަންމަގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނީ އަހަރެންގެ މި ދެ އަތުންނެވެ. އަހަރެންނަށް އިންތިޒާރު ކުރުމަށް އަހަރެން ބުނީމެވެ.

މާލެ އަށް ދިޔުމާއިއެކު އަހަރެންނަށް އައު ރައްޓެހިންތަކެއް ލިބުނެވެ. މަޑު މަޑުން ރައްޓެހިންނާއިއެކު ބޭރަށް ނުކުންނަން ފެށީމެވެ. ކިޔެވުމުގެ އިތުރުން ކުރާނެ މާ ބޮޑު ކަމެއް ނެތީމައެވެ. އަހަރެންގެ ހަނދާނުން ކައްސާލީ މަންމަ ދިން ނަސޭހަތްތަކެވެ. ސަމާލުކަން ނުދެވުނީ އެ ރައްޓެހިންގެ އުޅުމަށެވެ.

އަހިވަކާ ޖެހި އަހިވަށް ފާ ވެއްޖެއެވެ. އަހަރެންނަށް މިހާރު ކަމުދަނީ މަގު މައްޗަށް ގިނަ ބޮޑުވެގެން އުޅޭ ކަހަލަ ޒުވާނުންނެވެ. މައިންބަފައިންނަށް ކިޔަމަންތެރިވެގެން އުޅުން އެއީ ކަޓު ކަމަކަށް ވެއްޖެއެވެ. ކަރާއި އަތުގައި ޗޭނުފައްޗެއް އަޅާފައި ފަސް އިނގިލީގައި އަނގޮޓި އަޅާފައި ކަންފަތް ތޮރުފާލައިފައި ތިބޭ ޒުވާނުން އަހަރެންނަށް މާ ރީތި ވެއްޖެއެވެ. އެ ގޮތަށް އަހަރެންގެ ހެދުން އެޅުންވެސް ބަދަލު ކޮށްލީމެވެ.

ވިސްނާ ނުލެވުނީ އަހަރެންގެ މަންމަ އަހަރެން ބޮޑު ކުރި ދީނާ މެދުގައެވެ. ހަނދާނުން ކައްސާލީ އިސްލާމް މުދައްރިސް ކިޔައިދެއްވި ފިލާވަޅުތަކެވެ. އިސްލާމްއިން ހޯދި އޭ ފާހުގެ ބޭނުމެއް މިއަދު ކޮބައި ހެއްޔެވެ؟

އަހަރެންގެ އުޅުމަށް އައިއްސާ ހުރި ބަދަލު ފެނި މަންމަ އެތައް ނަސޭހަތެއް ދިނެވެ. އެ ރައްޓެހިންތައް ދޫކޮށްލުމަށް އެތައް އާދޭހެއް ކުރިއެވެ. އެހެންނަމަވެސް އެ ދުވަހު އަހަރެން އެ މައިމީހާއަށް ދިނީ ބީރު ކަންފަތެކެވެ. ކުރިހާ އާދޭހެއްގައި ޖެހީ ކޮޅުފައިންނެވެ.

މަތީ ތައުލީމު ހާސިލު ކުރުމަށްފަހު އަހަރެން ބޭނުންވީ ރައްޓެހިންނާއިއެކު މަޖާ ކޮއްލާ ބޯ ހަމަ ޖައްސާލުމަށް ދުވަސް ކޮޅަކު ހުރެލާށެވެ. މި ފަހަރުވެސް މަންމަމެން ދިން ނަސޭހތްތަކަށް ބީރު ކަންފަތެއްދީ އަހަރެންގެ ވަގުތުތައް ރައްޓެހިންނާ އެކު ހޭދަކުރަމުން ގެންދިޔައީމެވެ.

މަޑު މަޑުން އަހަރެންގެ އާއިލާ މަތިންވެސް އަހަރެން ފޫހިވާން ފެށިއެވެ. ރައްޓެހިންނައް ވުރެ މުހިންމު ބައެއް އަހަރެންނަކަށް މިހާރަކު ނެތެވެ. މިހެން އުޅުމުގެ ތެރޭގައި މަޑު މަޑުން މަސްތުވާ ތަކެއްޗާއި އަހަރެންނަށް ކައިރިވެވުނެވެ. ރައްޓެހިންނާއިއެކު މަގު މަތިންދާ މީހުންނަށް ފޮށި ފޭރި، ވައްކަން ކުރަންވެސް އަހަރެން ފެށީމެވެ. މާލޭގައި މާރާމާރިއެއް ހިންގައިފިނަމަ އެތާގައި ހުންނާނެ އެކަކީ އަހަންނެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ރައްޓެއްސެއް ކުށެއް ކޮއްގެން އޭނާގެ މައްސަލަ ޖެއްސި މީހަކަށް ހަމަލާ ދިނުމަށް އަހަރެންނާއި އަހަރެންގެ ރައްޓެހިން ދިޔައީމުއެވެ. އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

މަސްތުގެ ހާލަތުގައި ތިބުމުން އޭނާ އަށް ހަމަލާދޭކަށް އަހަރެމެން ފަހެއް ނުޖެހުނެވެ. އަހަރެންނާއި އިތުރު ދެ ރައްޓެހިން ތިބީ އޭނާއަށް ނުދެވޭނެ ގޮތައް މަގު ބަންދު ކޮއްގެންނެވެ. ދެން ތިބި ރައްޓެހިން އޭނާއަށް ވަޅިން ހަމަލާދެމުން ދިޔައެވެ. ލޭގެ ކޯރެއް ބިމުގައި ފާއްދާލާފައި ރައްޓެހިންތައް ދުވެ ފިލައިފިއެވެ. އަހަރެންނަށް ނޭނގުނީ އަހަރެންގެ އަތަށް ލެއިން ތަތްތެޅިފައިވާ ހަންޖަރު އެރި ގޮތެވެ. ލިބުނު ކުއްލި ސިހުމާ އެކު އަހަރެންނަށް ހުރެވުނީއެވެ. އޭނާ މަރުވާނޭ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިޔެއް ނުކުރަމެވެ. ފުލުހުން އައިސް އަހަރެން ހައްޔަރު ކުރިއެވެ. އަހަރެންނަށް ހޭވެރި ކަމެއް ވީއިރު އަހަރެން ހުރީ ޖަލުގެ ތޭރިތަކުގައި ބަންދުވެފައެވެ.

އަހަރެންނަށް ކުރެވުނު ކުށާ ދޭތެރޭގައި އަހަންނަށް ވިސްނާލެވުނީ ދެނެވެ. މައުސޫމް ފުރާނައެކެވެ. އަހަރެމެންގެ އަތްތަކުން ނަގާލެވުނީއެވެ.

މަންމަމެން މަތިން ހަނދާންވީ ވެސް ދެނެވެ. ގާތިލެއްގެ ގޮތުގައި އަހަރެން ފެންނާކަށް އަހަރެންގެ މައިމީހާ ނޭދޭނެއެވެ. މަންމަ މިހާރު ދުނިޔެއިން މޮޔަ ވެދާނޭ އަހަންނަށް ހީވިއެވެ.

އަހަރެންގެ މަންމައާއި ކޮއްކޮ ދުށުމަށް އަހަރެން އެދުނީމެވެ. މަންމަވެސް ހުރީ އަހަރެން ދުށުމަށް ނުހަނު ބޭނުން ވެފައެވެ. އެފަދަ ބޮޑު ކުށެއް ނުކުރާ ކަމަށް އަހަރެން ބުނާ އަޑު އަހާލުމަށް ކެތް މަދު ވެފައެވެ. އަހަރެންގެ އަނގަ ބަންދުވި ކަހަލައެވެ. އާނއެކެވެ! އަހަރެން މިއީ ގާތިލެއް ނޫނެވެ. އަހަރެން އޭނާ މަރައެއް ނުލަމެވެ. އެހެނެއް ކަމަކު އަހަރެންނާއި އޭނާގެ ގާތިލުންނާއި ހުރީ ވަކި ކޮން ތަފާތެއް ހެއްޔެވެ. އަހަރެން އޭނާގެ ގާތިލުންނަށް އެހީތެރިވީމެވެ. އޭނާ މަރުވީ ހަމަ އަހަރެމެންގެ އަތްތަކުންނެވެ.

ހުކުމް ކުރާ ދުވަސް ކައިރިވެއްޖެއެވެ. އަހަރެން ކޯޓަށް ހާޒިރު ކުރެވުނެވެ. މަރުވި މީހާގެ އާއިލާގެ މީހުންނާއި ހަތަރު ކަޅި ހަމަކޮށް ބައްދަލުވެއްޖެއެވެ. އަހަރެންނަށް އުޅެވުނު ވިޔާނުދާ ގޮތްތައް އަހަރެންގެ ލޯ ކުރި މައްޗަށް ސިފަވި ކަހަލައެވެ. މާފަށް އެދެން ނުހަނު ބޭނުންވިއެވެ. އެހެނަސް އެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ.

ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ހުއްޓުމެއްނެތި ގިސްލާ ރޮމުން ދިޔަ އަހަރެންގެ މަންމައާއި ކޮއްކޮއެވެ. ހަރުވެފައިވާ އަހަރެންގެ ހިތް ވަގުތުން ފަޅައިގެން ދިޔަފަދެއެވެ. އެ މަންމަ ގައިގައި ބައްދާލާ މައާފަށް އެދެން ބޭނުންވިއެވެ. މަންމަ ދިން ނަސޭހަތުގައި ކޮޅުފައިން ޖެހުމުން އެކަމުގެ ހިތި ފެނިއްޖެއެވެ.

ގާތިލަށް ނުވި ނަމަވެސް އޭނާ މަރާލިކަމަށް އަހަރެންގެ މައްޗަށް ހުކުމް ކުރެވުނެވެ. އެދުވަހު މަންމަ ހުއްޓުމެއްނެތި ރުއިތަން އަހަރެން ދުށީމެވެ. ކަރުނަ އެއީ ހުސްވާ އެއްޗެށް ނަމަ އެދުވަހު އެ މަންމަގެ ލޮލުން ކަރުނަ ހުސްވީހެވެ. މައި ލަގޮނޑިއަށް ކެތްވާނީ ވަކި ވަރަކަށްތާއެވެ.

އަހަރެން މަންމަގެ ފަރާތުން މައާފަށް އެދުނީމެވެ. ދުވަހަކުވެސް ދެން އެހިތުގައި ނުޖެއްސުމަށް ވައުދުވީމެވެ. މަންމަ އަހަރެންނަށް މައާފު ކުރިއެވެ. ކެތްތެރި ވުމަށް ނަސޭހަތްތެރި ވިއެވެ. މައި ވަންތަ ކުލުނަކީ ހާދަހާ ވަރުގަދަ އެއްޗެކެވެ. އަހަރެން އެ މައިމީހާގެ ހުރިހާ ނަސޭހަތަކަށް ފުރަގަސްދީ ހިތުގައި ޖެއްސީމެވެ. ނަމަވެސް އަހަރެން މުޅި ދުނިޔެއިން ބިކަވި ދުވަހުވެސް ހިތްވަރުދޭން ހުރީ ހަމަ އެ މަންމައެވެ. އަހަރެން އެބަޔަކައްޓަކައި މުޅި ދިރިއުޅުން ވެއްޔާއި މޮޑެލި ރައްޓެހިން މިއަދު ކޮބައި ހެއްޔެވެ.

ޖަލުގެ ތޭރިތަކުގައި ހުރެ އުމުރު ދެބައިވީއެވެ. އަދިވެސް ކެނޑި ނޭޅި އަހަންނަށް ހިތްވަރު ދިނުމުގައި ހުރީ ހަމަ އެ މައިމީހާއެވެ. މަންމައަށް ޝުކުރު އަދާކުރާނޭ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އަބަދުގެ އަބަދަށް މަންމައަށްޓކައި އަހަރެން ދުޢާ ކޮށްދޭނަމެވެ.

އާއެކެވެ! ހަންޖަރަކުން ދަސް މިވި ފިލާވަޅެއް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

-ނިމުނީ