ރޯދަމަހާ ދިމާކޮށް އެކި ގައުމުތަކުގައި ފެންނަ އެކި އެކި ސަގާފަތްތަކާ އާދަކާދަތައް ސޯޝަލް މީޑިއާގައި ދައުރުވާ އިރު މުސާހަރާތީންނަކީ މިފަދަ ދުވަސްވީ އާދަކާދައަކާ ރޯދަމަހުގައި އެންމެ ގިނަ މީހުންނަށް އެންމެ އުނދަގޫ އެއް ކަންތައް ކަމަށްވާ ދަންވަރު ހާރު ކެއުމަށް ތެދުވުމާ ގުޅުން ހުރި ބައެކެވެ.
މުސާހަރާޓީންނަކީ ކޮބާ؟
މިއީ މެދު އިރުމަތީގެ ބައެއް ގައުމުތަކުގައި މީހުން ގަދަ ނިދީގައި ތިއްބާ ހާރުކާ ގަޑިއަށް މަގުމަތީގައި ބެރުޖަހަމުންދާ ބައެކެވެ. ތާރީހީ އިލްމުވެރިޔާ އަބްދުލް މަޖީދް އަބްދުލް އަޒީޒް ބުނާ ގޮތުން މި މީހުން ފުރަތަމަ ފެނިގެން ދިޔައީ ފަތިމީދީންގެ ވެރިކަމުގައި މިސްރުންނެވެ. އެއަށް ފަހު މި އާދަކާދަތައް އެހެން ގައުމުތަކަށް ފެތުރުނު އިރު މިކަން މިހާރު މެދު އިރުމަތީގެ އެކި އެކި ގައުމުތަކުން ފެނެއެވެ.
ހާރުދަމާ ދިމާކޮށް ބެރުޖަހަމުންދާ މަގުތަކުގައި ހިނގާ މިމީހުން މިކަން ފަށަނީ ޝައުބާން މަހުގެ ފަހުރެއެވެ. އަދި ފިތްރު އީދުގެ ތިން ދުވަސް ނިމެންދެން މިކަން ކުރާ އިރު 'ބާޒާ' ނަމަކަށް ކިޔާ މި ބެރުގައި ތަޅަނީ ވަކި ރާގަށެވެ. އަދި މި ބެރުގެ އަޑު ވަރަށް ދުރަށް ވަރަށް ބާރަށް އިވޭ ކަމަށް ވެއެވެ.
މިއީ ފައިސާއަށް ކުރާ ކަމެއް ނޫން
ހާރުދަމަށް މީހުން ހޭލެއްވުމަށް ބެރު ޖަހާ މުސާހަރާތީންނަކީ އެއްވެސް ހާލެއްގައި މާލީ މަންފާއަށް މިކަން ކުރާ ބައެއް ނޫނެވެ. އެހެން ނަމަވެސް އެމީހުން މި ދޭ ހިދުމަތަށްޓަކައި ހަދިޔާ ދޭން ބޭނުންވާ ނަމަ އެކަމަށް އެމީހުން މަނައެއް ނުކުރާނެއެވެ. މިގޮތުން ބައެއް މުސާހަރާތީން މަގުތަކުގައި ހިނގާ އިރު ކޮނޑުގައި ހުސް ދަބަހެއް ނުވަތަ ކޮތަޅެއް އޮންނާނެއެވެ. އެއީ އެމީހުންނަށް ލިބޭ ހަދިޔާ ލުމަށެވެ.
އެކި ގައުމުތަކުގައި މިކަން ކުރަނީ އެކި ގޮތްގޮތަށް
ތުރުކީ، މޮރޮކޯ، ސައުދީ އަރަބިއްޔާ އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިއާގައި އަދި ވެސް މިއާދަ ދަމަހައްޓައެވެ. މިގޮތުން ސޫރިއާގައި ހާލުގައި ޖެހިފައިވާ އެތަށް ބަޔަކު އުޅެމުންދާ ވަގުތީ ޓެންޓްތަކުގެ ބޭރުގައި ބެރު ނުވަތަ ތެލި ތެލީގައި ޖަހަމުން މީހުން ހާރަށް ނަގަމުން ދެއެވެ.
ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުތަކުގައި މިކަމަކީ ދުވަަސްވީ ވަރުގަދަ އާދައެކެވެ. އެސަރަހައްދުގައި މިހާރު އުޅޭ މުސްކުޅިންގެ ތެރޭގައި ފަލަަސްޠީނުގެ ރަފާހްގައި މުސާހަރާތީންގެ ގޮތުގައި އުޅުނު މީހުން ވެސް މަދެއް ނޫނެވެ.
މިއަދު ވެސް ފަލަސްޠީނުގެ ސަގާފީ ހެދުމުގައި އެމީހުން ބެރު ހިފައިގެން މަގުތަކުގެ މައްޗަށް ނިކުންނަ އިރު ދޮޅު ގަޑި އިރަށް ހާރަށް މީހުން ހޭލެއްވުމުގައި ވަގުތު ހޭދަކުރެއެވެ. އާއިލާއާއެކު ހާރު ކެއުމަށް އެމީހުން އިށީންނަނީ އަވަށު އެންމެން ހާރަށް ހޭލައްވާފައެވެ.
ބައްޕައިންގެ ފަރާތުން ފިރިހެން ދަރިންނަށް ދޫކުރަމުން އަންނަ މި އާދަކާދައިގެ ތެރެއިން ބެރު ޖެހުމުގެ އިތުރުން ރޯދަ މަހުގެ މާތް ކަމާއި ދަރުމަ ހޯދުމާ ބެހޭ ގޮތުން ޅެންބައިތުތައް ކިއުމަކީ ވެސް އާއްމު ކަމެކެވެ.