އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިދިޔަ ހޯމަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެރޭ ހައްޔަރުކުރީ ހަތަރު މީހުންނެވެ. އެއީ:

  • ތިން ފިރިހެނުން: ދެ މީހެއް 15 ދުވަހަށް ބަންދު، އެކަކު ފަސް ދުވަހަށް ބަންދު
  • އަންހެނެއް: ފަސް ދުވަހުގެ ބަންދެއް ކޯޓުން ވަނީ ޖަހާފައި

މިއަދު މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އެ މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 54 އަހަރުގެ މުހައްމަދު އައްބާސް ކަމަށެވެ. އައްބާސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރައީސްގެ މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވެ، ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. އޭރު ވެސް އިހްތިޖާޖުގެ ބައިވެރިން ޕީޕީއެމްގެ ދިދަތަކާއެކު މަގު މައްޗަށް ފެތުރިގެން ގޮސް ރައީސްގެ ކާރުކޮޅަށް ހުރަސް އަޅާ މަންޒަރު ފެނެއެވެ.

އެ މައްސަލައިގައި އެތައް ބަޔަކު ވަނީ އެއީ ސެކިއުރިޓީ ފެއިލިއާ އެއް ކަމަށް ބުނެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށްފައެވެ.