ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވަނީ މިހާރު އޭނާ އަށް މަދުވާ އެއްޗެއް ނެތް ކަމަށާއި ހުންނެވީ ފުރިފައި ކަމަށެވެ. އެހެން ކަމުން ކޮންމެހެން ވެރިކަން ބޭނުންވެ ވަޑައިގެން ނޫޅުއްވާ ކަމަށެވެ. ނަމަވެސް ދެވަނަ ނޭވާގައި ވިދާޅުވަނީ "ދެން އެވާހަކަ ދައްކާކަށް ނޫން" ކަމަށާއި، ނަމަވެސް ވެރިކަމަށް ވަކިން ނުނުކުމެވޭންވީ ކީއްވެތޯއެވެ.

އިތުރަށް އަޑަށް ބާރު ލައްވާ، ޕޯޑިއަމްގައި ވިދާޅުވަނީ، "ބަލައިގެން ކިޔަން ނޭނގިގެން" ނޫޅުއްވާ ކަމަށާއި އެއީ އެގޮތަށް އުޅުއްވާ ބައެއް ބޭފުޅުންނަށް ދެއްކުމަށް ގަސްދުގައި ކުރައްވާ ކަމެއް ކަމަށެވެ.

މީހުންނަށް އެވާހަކަތައް ނިކަން މަޖާވިޔަސް ގައުމެއްގެ ވެރިއަކާ ހަމަކުރީމައި އެކަން ވަނީ ޖޯކަކަށެވެ.

މުދަލާއި ފައިސާ އާއި ދައުލަތުގެ މަގާމުތައް ފުރުއްވުމުގެ ތަޖުރިބާއިން ގާސިމަށް މަދުވަނީ ވަލިއްޔުލްއަމްރުގެ މަގާމެވެ. އެ އުންމީދާ ހަމައަށް އޭނާ ގެންދެވުމަށް ފަހަތްޕުޅުގައި ހުންނަވައި ކޮއްޕަވާ ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ ނިޒާމެއް ގަބޫލު ނުކުރެއްވި ނަމަވެސް، އަދި ކޯލިޝަނަކީ ވެސް ގަބޫލު ކުރައްވާ ކަމަކަށް ނުވިނަމަވެސް ނަަޝީދު ގެންދަވަނީ، ގާސިމާއެކު ކޯލިޝަން ހައްދަވައި، މެނިފެސްޓޯ އެކުލަވާލުމަށް މަޝްވަރާ ކުރަމުންނެވެ.

ވެރިކަމާހެދި ނަޝީދަށް ކޮންމެ ގޮތެއްވެސް 'ވަރިހަމަ ވީ' ހެން ހީވެއެވެ.

ރިޔާސީ އިންތިހާބަށް ގާސިމް ނެރުމަށް ނަޝީދު ކުރައްވާ މަސައްކަތުގައި އެންމެ ފަހުން އޭނާ ފޮނުއްވީ، ދީނީ ޖަމިއްޔާ ސަލަފް ގާތަށެވެ. ގަބޫލު ކުރެވިފައި އޮންނަ އަދި ފެންނަން އޮންނަ ހަގީގަތަކީ ސަލަފަކީ އެއްއިރެއްގައިވެސް ރައީސް ނަޝީދާ ގަޔާވާ ބައެއް ނޫންކަމެވެ. ދީނީ ކަންކަމުގައި ނަޝީދު ފާޅުކުރައްވާ ޝުއޫރުތަކާއި ތިލަކުރައްވާ ހިޔާލުތަކަކީ ސަލަފުން ފާޑުކިޔާ ޝުއޫރުތަކާއި ހިޔާލުތަކެއްކަން ކަމެވެ.

ރައީސް މައުމޫނާއި، ރައީސް ނަޝީދު ހިމަނައިގެން ގާސިމް ހައްދަވާ ފުޅާ ކޯލިޝަންގައި ސަލަފުން ބައިވެރިވާން އުޅޭކަމުގެ އަޑުތައް މިހާތަނަށް މާ ގަދަ ނުވި ނަމަވެސް، ރަށުތެރޭގައި އެވާހަކަ އެބަ ދައްކައެވެ.

ރަށުތެރޭގައި ކިޔާ ގޮތުން ސަލަފަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ބައެއް ނަމަވެސް، ސަލަފުގެ އިސްވެރިންނާ ގާސިމް ބައްދަލު ކުރައްވާ 'އެ ދެއްކެވި ވާހަކައަކަށް' ފަހު ގާސިމަށް ތާއީދު ކުރަން އުޅޭ ކަމަށް ކިޔައެވެ. ގާސިމްގެ ފަހަތުގައި ހުންނެވީ، ސަލަފަށް ބަލައިނުގަނެވޭ ރައީސް ނަޝީދު ކަމަށް ވިޔަސް ގާސިމާއެކު ދާން ވިސްނާކަމަށް ކިޔައެވެ. މިކަމުގައި ސަލަފުގެ ބަހެއް އަދި ނުލިބެއެވެ.

ދާދިފަހުން ގާސިމް ސަލަފް ޖަމިއްޔާގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައި ވާ އިރު، އެބައްދަލުވުމުގެ ތަފްސީލާ ގުޅޭ ގޮތުން ދެފަރާތުން ކުރެ ފަރާތަކުން ވާހަކަ ދައްކާފައެއް ނުވެއެވެ. ފޮޓޯތަކުން ފެންނަ ފެނުމެއް ފިޔަވައި ގާސިމް ހުށަހެޅުއްވި ހުށަހެޅުމެއް، އަދި ސަލަފުން އުފެއްދި ކަންބޮޑުވުމެއްގެ ތަފްސީލެއް ސާފެއް ނޫނެވެ.

ދީނީ އެކިއެކި ކަންކަމުގައި ހޭލުންތެރި ކުރާ، އަދި ކަން އޮންނަ ގޮތަށް ބަސް ބުނާ ސަލަފް ފަދަ އިލްމުވެރިންގެ ޖަމިއްޔާއަކުން ނަޝީދު ހުންނަވާ ކޯލިޝަނަކަށް އަރާފާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ކުރިންވެސް ނުފެނުނު މަންޒަރެއް ސިޔާސަ ވިޔަސް އަލުން ކުރަހަފާނެތޯވެސް އަހައެވެ.

ގާސިމާއި، ނަޝީދާއި ސަލަފަށް، އެއްކޯލިޝަނެއްގައި މަސައްކަތް ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.