މަންމަގެ ލޯތްބަކީ އަހަރެމެންނަށް އޭގެ އަގު ވަޒަން ކުރެވޭ ވަރަށް ވުރެ މަތިވެރި ލޯތްބެކެވެ. އެއީ ހަނދާން ނައްތާލަން އުނދަގޫ އަދި ހަނދާން ނައްތާލި ނަމަވެސް ފަހުން އެ ލޯތްބަކަށް ބޭނުންވާނެ ލޯތްބެކެވެ. އެ އިހުސާސް ތަކަކީ ހަށިގަނޑުގެ އެންމެ ހިމަނާރުތަކާވެސް ކުޅެލާނެ ލޯތްބެކެވެ. މި ލޯބީގެ އަގުވަޒަން ކުރެވޭނީ މި ލޯތްބާއި ވަކިވުމުންނެވެ. މިކަން އަހަރެންގެ ހަޔާތުގައި ވަރަށް ރަނގަޅަށް އިހުސާސް ކުރެވިއްޖެއެވެ. މަންމަގެ ލޮތްބަށް ފުރަގަސްދީފައި އަހަރެން ހެއްލެމުން ދިޔައީ ދުނިޔޭގެ ދަޅަޔަށެވެ. މަންމަގެ ލޮތްބަށް ބޭނުންވެ އެ ލޮތްބަށް އެދެވުނީ އަހަރެން ނިކަމެތިވި ދުވަހުއެވެ. ނަމަވެސް އޭރު ވަގުތު މިވަނީ ފާއިތުވެފައެވެ.
އަހަރެންގެ ބައްޕަވަނީ އަހަރެންގެ އުމުރުން ހަތަރު އަހަރުގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އެދުވަހުން ފެށިގެން މަންމަ އެކަނިމާ އެކަނި އަހަރެން ބަލަމުން އައީ ނުހަނު ލޯބިންނެވެ. ބައްޕައެއް ނެތް ކަމުގެ އިހުސާސް ދުވަހަކުވެސް ކޮށްނުދެއެވެ. އެ މަންމަ ބަނޑުހައި ހޫނުކަން މަތީހުރެ އަހަރެންނަށް ކާންދެއެވެ. މިކަމާ އަހަރެން ވަރަށް ދެރަވެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އަހަރެން ކުރާ އުންމީދަކީ މޮޅަށް ކިޔަވައިގެން ވަޒީފާއަކަށް ދެވޭނެ ދުވަހަކަށެވެ. މަންމައަށް އުފާވެރި ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދެއެވެ. އަހަރެންވެސް އުންމީދުކަނޑާނުލައި އުންމީދުގައި ކުލަޖައްސަވައި ދެއްވުމަށް އެދި އެތައް ދުޢާއެއް ކުރަމުން ދިޔައީމެވެ. މާތް ﷲގެ އިރާދަފުޅުން އަހަރެންގެ ދުޢާ އިޖާބަކުރައްވައި އަހަރެންނަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. އެއީ މާލެއިން މިރަށަށް އައި ދެމަފިރީންނެވެ.އެއީ ދަރީން ލިބުމުން މަހުރޫމްވެފައިވާ ބައެއްވެސް މެއެވެ. އެ ދެމަފިރިންނަށް އަހަރެން ފެނިގެން އަހަރެން މާލެ ގެންދަން ބޭނުންވިއެވެ. މިކަމާ އަހަރެންގެ މަންމަ ގާތު ވަރަށް އާދޭސް ކުރިއެވެ. ނުހަނު ލޯބިން އަހަރެން ބަލާނެ ކަމަށް ބުންޏެވެ. އަހަންނަށް ކިޔަވައިދީ ހަރުދަނާ ކުއްޖަކަށް ހަދައިދޭނެ ކަމަށް ވަޢުދުވިއެވެ. އެމީހުންގެ އެދުމާއި މަންމަ އެއްބަސްވީ ހިތާ ދެކޮޅަށެވެ. އެ މަންމަގެ ހިތް ދަނީ ގިސްލާ ރޮމުންނެވެ. ނަމަވެސް މިފަހަރުވެސް މަންމަ އިސްކަންދިނީ އަހަރެންގެ އުފަލަށެވެ. އަހަރެންގެ ކުރިމަގާއި އަހަރެންގެ މުސްތަޤުބަލަށެވެ. މަންމަގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދީ މަންމަ ފަޙުރުވެރިވާފަދަ މޮޅު ދަރިއަކަށް އަހަރެން ވުމުގެ އުންމީދުގައެވެ.
މަންމަ އަހަރެންނަށް އެތައް ނަސޭހަތެއް ދިނެވެ. " މަންމަގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް ތިޔަދެވެނީ މުޅީން އައު މާހައުލަކަށެވެ. އަބަދުވެސް ނަމާދުތަކަށް ފަރުވާތެރިވެ ހެއްދެވި ފަރާތައް ބިރުވެތިވާން ވާނެއެވެ. ގޯސް ރަހުމަތްތެރިން ޚިޔާރު ނުކުރައްޗެވެ. ދައްތަ އާއި ބޭބެގެ ބަސް އަހައިގެން މޮޅަށް ކިޔަވައްޗެވެ. މަންމަގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދީ މި މަންމަ ފަހުރުވެރިވާފަދަ ދަރިއަކަށް ވައްޗެވެ.މަންމަ މަތިން ހަނދާން ނައްތާ ނުލައްޗެވެ. މަންމަ ގާތައް އަވަހަށް އަންނަށްޗެވެ." މަންމަގެ ނަސޭހަތްތައް އަހަރެން ކަނުލާ އަޑުއަހާ އެއްބަސް ވީމެވެ. " މަންމާއެވެ.ކަންބޮޑު ނުވާށެވެ. މަންމައެދޭފަދަ ދަރިއަކަށް އަހަރެން ވާނަމެވެ. މަންމަގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދޭނަމެވެ. މަންމަ އަހަރެންދެކެ ވާ ލޯބި އަހަރެންނަށް އިހުސާސް ކުރެވެއެވެ. މަންމަ މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނައްތާނުލާނަމެވެ. ވީ އެންމެ އަވަހަކަށް އަހަރެން މަންމަ ގާތަށް އަންނާނަމެވެ." މިފަދަ އެތައް ހިތްވަރެއް ދިނުމަށްފަހު އަހަރެން މާލެ ފުރީމެވެ.
ކޮންމެއަކަސް އަހަރެން މާލެ އަތުވެއްޖައީމެވެ.އެ ދެމަފިރީން އަހަރެންނަށް ވަރަށްވެސް ހެޔޮއެވެ. އަހަރެން ބުނާ ކޮންމެ އެއްޗެއް ވަގުތުން ހޯދައިދެއެވެ. މާލޭގައި އަހަރެން އުޅެމުންދިޔައީ ވަރަށް ތަނަވަސް ދިރިއުޅުމެކެވެ. މަނޑު މަނޑުން ކުރީގެ ނިކަމެތި ދިރިއުޅުން މަތީން ހަނދާން ނެތެމުން ދިޔައެވެ. މަންމަ މަތީން ވެސް އަހަރެން ހަނދާން ނައްތާލީމެވެ. މާލެ އައިފަހުން މިހާ ދުވަސްވީ އިރުވެސް އަހަރެން މަންމަގެ ހާލުވެސް ބަލާ ނުލަމެވެ. ދައްތަ އާއި ބޭބެވެސް އެކަމަށް މާ ބޮޑަށް އަޅާނުލާތީއެވެ. އެ މީހުންވެސް އަހަރެންނަށް ވިސްނައިދިނީ މިހާރު އަހަރެންގެ މަންމަ އާއި ބައްޕަ އަކީ އެއީކަމެވެ. ރަށަށް ކުރީގެ ނިކެމެތި ދިރިއުޅުމަށް ދެން ދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ. ހުދު އަހަރެންވެސް އެކަމާ ރުހުނީމެވެ. އަދި އެމީހުންގެ އެދުމުގެ މަތީން އަހަރެން މަރުވެއްޖެ ކަމުގައި ބުނެ ދޮގު ސިޓީއެއް އެމީހުން ލައްވައި ފޮނުވައިފީމެވެ.
މި ގޮތައް ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ކިޔެވުމުގެ މަރުހަލާ ނިންމާލީ ފަހުރުވެރިވާފަދަ ނަތީޖާއަކާ އެކުއެވެ. މިކަމާ ދައްތަ އާއި ބޭބެ ވަރަށް އުފާކުރިއެވެ.އަދި ބޭބެގެ އެދުމުގެ މަތީން ބޭބެގެ އޮފީހަށް ވަޒީފާއަށް ދާންފެށީމެވެ. ކުރީކޮޅު ކިތަންމެ ބުރަވީ ނަމަވެސް ފަހުން ކަންކަން ދަސްވެ މި މާހައުލަށް އަހަރެން ހޭނުނެވެ.
މިއަދު އަހަރެންނަކީ ރުފިޔާހުރި އަތްމަތި ތަނަވަސް މީހަކީމެވެ. އަހަރެން އުޅެމުން ދިޔައީ ނުހަނު އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އުފާވެރިކަން އަބަދަށް ދެމި ނޯންނާނެ އޭ ބުނާ ބީދައިން އަހަރެންގެ މި އުފާވެރި ދިރިއުޅުން ކަޅު އަނދިރިގަނޑަކަށް ބަދަލުވެގެން ދިޔައީ ދާދި އަވަހަށެވެ. ބޭބެގެ އޮފީހުން ވައްކަމުގެ ތުހުމަތެއްގައި އަހަރެން ވަޒީފާއިން ވަކިކޮށް ގޭން ނެރެލިއެވެ. މިއީ އަހަރެން ކުރިކަމެއް ނޫންކަމުގައި ތަކުރާރުކޮށް ބުނަމުން ދިޔައީމެވެ. ނަމަވެސް އަހަރެންގެ ވާހަކަ އަނޑު އަހާނެ މީހެއް ނުވިއެވެ. މި އޮތް ބޮޑު މާލޭގައި އަހަރެން މަގުމައްޗަށް ގިނަވެ ބިކަވެއްޖެއެވެ. އަޅާލާނެ އާރެއް އިޔާރެއް ނެތިއްޖެއެވެ. ކުއްލިއަކަށް މަންމަ މަތީން ހަނދާންވެ އަހަރެންނަށް ގިސްލާ ރޮވެން ފެށުނެވެ.
މާތްކަލާކޯއެވެ. އަހަރެންމިއީ ކޮންފަދަ ނުބައި ރަހުކްކުޑަ ދަރިއެއް ހެއްޔެވެ؟ އެ މަންމަ އަހަރެންނަށްޓަކައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކިހާ ޤުރުބާނީއެއް އެމަންމަ އަހަރެންނަށްޓަކައި ވީހެއްޔެވެ؟ އަހަރެންގެ އަމިއްލަ އެދުން ބޮޑުވެ އެ ޤުރުބާނީގެ އަގުވަޒަން ނުކުރެވުނީއެވެ. މަންމާއެވެ. އަހަރެންނަށް މާފުކުރާށެވެ. އަހަރެން މަންމަ ގާތުން މާފަށް އެދޭނަމެވެ.
އެ ދުވަހު ރަށަށް ދާންފުރި ދޯންޏަކުން އަހަރެން ރަށަށް އައީމެވެ. އަހަރެން އަވަސް އަވަހަށް ގެޔާ ދިމާލަށް ހިނގައިގަތީމެވެ. ގެޔަށްވަދެ މަންމައަށް ގޮވާ ގޮވާ ހިލަމެއް ނުވިއެވެ. އަނެއްކާ މަންމަ ކޮބައިބާއެވެ. މަންމަ ދިޔައީ ކޮންތާކަށް ބާއެވެ. މިފަދަ ވަސްވާސްތަކުން އަހަރެންގެ ހިތްފުރެމުން ދިޔައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުންނެވެ.ފަހަތް ބަލައިލިއިރު ހުރީ އަވައްޓެރި ހަދީޖާދައްތައެވެ. ހަދީޖާދައްތަ ކައިރީ އަހަރެން މަންމަ ކޮބައިތޯ އަހާލީމެވެ. " ޒަޔާން.. މަރެއް ނުވޭތަ؟ ކީއްވެ މަންމަ އަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލީ؟ ޒަޔާން މަރުވެއްޖެ ކަމަށްބުނެ ލިބުނު ސިޓީއިންވެސް މަންމަ ގަބޫލެއް ނުކުރޭ... ޒަޔާން އަދި އަންނާނެއޭ ބުނޭ.. މަންމަ ކިހާ ލޯބިވޭ ޒަޔާން ދެކެ... މަންމައަށް އެހެން ހަނދާކަށް ނުވާނެއްނު... ދަރިފުޅާ ޒަޔާން..ޒަޔާންގެ މަންމަ މިހާރު ވަނީ މި ވަގުތީ ދުނިޔެއާ އަލްވަދާޢު ކިޔާފައި.." ޚަދީޖާދައްތަގެ މި ވާހަކަތަކުން އަހަރެންނަށް ހީވީ މުޅިދުނިޔެ ހުއްޓުނުހެންނެވެ. މުޅި މީހާ ނޭވާހާސްވެ ފައިން ވާގި ދޫވާ ގޮތްވިއެވެ. އަހަރެންގެ ހިތް ހީވީ ކުދިކުދިވީހެންނެވެ. މަންމަ އޭ ކިޔާ ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ހަދީޖާދައްތަ އަހަރެންނަށް ހިތްވަރު ދިނެވެ.އަދި މަންމަ މަރުވުމުގެ ކުރިން އަހަރެންނަށް ލިޔުނު ސިޓީއެއް އޮތްކަމަށް ބުނެ އަހަރެންނަށް ހަވާލު ކުރިއެވެ. އަހަރެން ތުރުތުރު އަޅާހާލު އަވަސް އަވަހަށް އެސިޓީ ކިޔަންފެށީމެވެ.
"ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް އެނގޭހެއްޔެވެ؟ މަންމަ ދަރިފުޅަށް ބަލިވެއިން ދުވަހުން ފެށިގެން މަންމަ ދިޔައީ ދަރިފުޅުގެ ދިރިއުޅުމާއި ދިރިއުޅުމަށް ބޭނުންވާނެ ހުރިހާކަމެއް ރާވަމުންނެވެ. މަންމަގެ ލޯބިވާއެވެ. ދަރިފުޅު މަންމަގެ ބަނޑުގައި ޤަރުބަގަތީންސުރެން މި މަންމަދިޔައީ ދަރިފުޅަށްޓަކައި ވަރަށް ގިނަ ވޭން ތަހައްމަލު ކުރަމުންނެވެ. މީރުހާ ކާއެއްޗެއް ނުކެވި އެތައް ފަހަރަކު ހޮޑުލެވެއެވެ. ލޯބިވާ ދަރިފުޅާއެވެ. ދުވަހަކުވެސް މަންމައަށް އުނދަގޫވެގެން އަނޑުލައި ހެދިން ހެއްޔެވެ؟ ނުހަދަމެއް ނޫންހެއްޔެވެ؟ މަންމަގެ ދެލޮލުގެ ފިނިކަން ކަމުގައިވާ މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މި މަންމަ ދަރިފުޅަށްޓަކައި ނުއުފުލަނީ ކޮން ވޭނެއް. .ދަރިފުޅަށް އެގޭތަ؟ މި މަންމަ ނުވަމަހާއި ނުވަދުވަސްވީ ދުވަހު ދަރިފުޅު ދެކުމުގެ އުންމީދުގައި ވެވުނުހާ ތައްޔާރީއެއްވެ އެނދުމަތިވީ ހާދަ ފޮނި އުންމީދެއްގައެވެ. މަންމަގެ ހިތާދެކޮޅަށް ދަރިފުޅު މާލެ ފޮނުވީ ހާދަ ފޮނި އުންމީދެއްގައެވެ. ކައިރި އަވައްޓެރިން ދަރިފުޅު މާލެ ފޮނުވުމުން ދެން ނާންނާއެއޭ ބުނުމުން އެ ވާހަކަތަކަށް މަންމަ ބީރު ކަންފަތެއް ދިނީ ދަރިފުޅަށް މަންމަ އިތުބާރު ކުރާތީކަން ނޭނގެނީ ހެއްޔެވެ؟ ދަރިފުޅަށް އެނގޭތަ؟ ދަރިފުޅު އުފަންވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް މަންމަ ހާދަ ވޭނެއް އުފުލީމެވެ. ހާދަ ރުއިމެއް ރުއީމެވެ. ދަރިފުޅުގެ އުފަލަށްޓަކައި ހާދަ ޤުރުބާނީއެއް ވީމެވެ. އެތައް ވޭންތަކެއް ތަހައްމަލު ކުރުމާއެކުވެސް ދަރިފުޅު މިދުނިޔެއަށް އުފަންކުރުވީ ހާދަ ފޮނި އުންމީދެއްގައެވެ. އެކަމު މިއަދު މަންމައަށް ތިދިނީ ކޮންކަހަލަ އިނާމެއް؟ އެވޭންތަކުގެ ބަދަލުގަ ދަރިފުޅަށް ދޭން އިނގުނީ ތި ހަދިޔާތައްތަ؟ ލޯބިވާ ދަރިފުޅާއެވެ. މަންމަ ނުކައި ހުރެވެސް ދަރިފުޅުގެ ބަނޑުހައި ހޫނުކަން ފިލުވައިދިނީމަވެސް މަންމައަށް ތިދިނީ ހާދަ ބޮޑު ހިތްދަތި ކެމެކެވެ.މަންމަގެ ދޫންޏާއެވެ. މަންމަގެ ހިތުގައި އެހާވަރަށް ތި ޖައްސަނީ މަންމަ ދަރިފުޅަށްޓަކައި މި ހުރިހާ ވޭނެއް އުފުލީމަތަ؟ ތި ދަރިފުޅަށްޓަކައި ބުނިހާ ކަމެއް ކޮށްދިނީމަތަ؟ ހިތް ނޭދޭ ހާލުގައިވެސް މަންމަ ދަރިފުޅު މާލެ ފޮނުވީ ހަމަ ދަރިފުޅުގެ އުފަލަށްޓަކައެވެ. މަންމަ ކުރަމުންދިޔަ އުންމީދުތައް ވެއްޔާ މޮޑެލީ މި މަންމަގެ ހިތް ކުދިކުދި ވެދާނެކަން ނޭނގޭތީ ހެއްޔެވެ؟ ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅު މާލެ ދިޔަދުވަހުން ފެށިގެން މިހާތަނަކަށް މަންމައަކަށް ފުރިހަމަ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. މާލެގޮސް މަންމަ މަތީން ފޫހިވެ މަންމަ މަތީން ހަނދާން ނައްތާލުމުން މަންމައަށް ކުރާނެ އަސަރު ދަރިފުޅަށް ނުވިސްނުނުތަ؟ ޖަވާބު ދީބަލަ ދަރިފުޅާ.... މި މަންމަގެ ލޮލުން އޮހޭ ކަރުނަތަކުގެ އެއްވެސް އަގެއް ނެތީތަ؟ ދަރިފުޅަށްޓަކައި މި މަންމަ އޮހުރި ކަރުނަތައް އެންމެ ބޮޑަށް ދެނެވޮޑިގެން ވާނީ މާތް ﷲ. ތި ހަނދާންތަކުގައި މަންމަގެ ހަޔާތުގެ ފަހުދުވަސްތައް މިދަނީ ގުނަމުންނެވެ. ދަރިފުޅު އެންމެ ފަހަރަކު ނަމަވެސް މަންމާއޭ ކިޔާފައި ގޮވާލަބަލަ.. އޭރުންވެސް މަންމަ މަރުވުމަށް ލުޔެއް ލިބޭނެއެވެ. ހިތައް ފިނިކަން ލިބޭނެއެވެ. ތިއީ މަންމަގެ ހުރިހާ އުފަލެއްކަން ދަރިފުޅު ހަނދާން ނައްތާލީތަ؟ މި މަންމަގެ ހުރިހާ އުފަލެއްވީ ދަރިފުޅާ އެކީގަކަން ނޭނގެނީ ހެއްޔެވެ؟ ދަރިފުޅަށް ލިބޭ ކޮންމެ ހިތާމައެއްގައި ބައިވެރިވެ ހިތްވަރު ދިނީ މި މަންމަކަން ހަނދާން ނައްތާލީތަ؟ ކީއްވެ މަންމަ އަށް ތިހެން ހެދީ؟ ކީއްވެ މަންމަ އެހާލުގައި އުޅެން ދޫކޮށްލީ؟ ކީއްވެތަ މަންމައަށް ވޭނާ އަނިޔާ ދިނީ؟ ބުނެބަލަ ދަރިފުޅާ.. ނިކަން ބުނެބަލަ... މަންމަގެ މި ވޭނީ ސުވާލުތަކުގެ ޖަވާބު ދީބަލަ ދަރިފުޅާ.. ލޯބިވާ ދަރިފުޅާއެވެ. މަންމަގެ ދޫންޏާއެވެ. ދަރިފުޅަށް މަންމަގެ މި ސުވާލުތައް އަޑުއިވޭއިރު މަންމަ ދުނިޔޭގައި ނޯވެދާނެއެވެ. މި ވަގުތީ ހަޔާތާ އަލްވަދާއު ކިޔާފާނެއެވެ. އެކަމަކު ދަރިފުޅު ދެރަނުވައްޗެވެ. މަންމަގެ ހިތުގައި ދަރިފުޅާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ހަޔާތުގެ ބާކީ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރާށެވެ. މި ވަގުތީ ދުނިޔެއެއްކަން ހަނދާންކޮށް އުޚްރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރާށެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތް ހޯދަން އަޒުމު ކަނޑައަޅައި ކުރެވުނު ކުށްފާފަތަކަށް ތައުބާ ވާށެވެ."
ސިޓީ ކިޔާ ނިމުނުއިރު އަހަރެންގެ ހިތައްވަނީ ނުހަނު ފުން އަސަރެއްކޮށްފައެވެ. މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. އެ މަންމަވީ ޤުރުބާނީގެ އަގުވަރަން ވަރަށް ރަނގަޅަށް ކުރެވުނެވެ. އަހަރެން ތައުބާވާނަމެވެ. މިއަދު މަންމަގެ މާފު ނުލިބުނަސް އެ މަންމައަށްޓަކައި ހެޔޮދުއާކުރާނަމެވެ. ޖަންނަތުގައި އެ މަންމައާ ބައްދަލުވެ މަންމަގެ މާފު ލިބުމުގެ އުންމީދުގައެވެ.
-ނިމުނީ