ރޯދަވިއްލާ ގަޑިއަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ކާއެއްޗެއް ހަދާލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ގޮތެވެ. ވަގުތު ސަލާމަތްކޮށް އަވަހަށް ތައްޔާރު ކޮށްލެވޭ އެއްޗެއް ހެދުމަށް އިސްކަންދެއެވެ. ހާއްސަކޮށް ވަޒީފާގައި ބުރަކޮށް އުޅުމަށްފަހު ލިބޭ ކުޑަ ވަގުތުކޮޅު އަގަޔަށް މީރު ފަސޭހައިން ތައްޔާރު ކޮށްލެވޭ އެއްޗެއް ހަދާލަން ބޭނުންވެއެވެ. މިއަދު ޕްރެސް ބަދިގެއިން މިގެނެސްދެނީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ މީރު ފޮނި ކާއެއްޗެކެވެ.

ސްވީޓް ބްރެޑް ރޯލް ބޭނުންވާ ތަކެތި:

  • 1 ކުޑަ ޕާން
  • 1/2 ޖޯޑު ވިޕިންގ ކްރީމް
  • ½ 1 ޖޯޑު ކިރު
  • 1 ޖޯޑު ކާށި ހުނި
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް ކުލަކޮޅެއް (ބޭނުން ކުލައެއް)
  • ރަހަލާ ވަރަށް އައިސިންޝުގާ

ތައްޔާރު ކުރާނެގޮތް:

ޕާން ފޮތި ތަކުގެ ކައިރި ކަފާލާށެވެ. ވިޕިންގް ކްރީމް އަށް އައިސިން ޝުގާ އަޅާފައި ހޭންޑް މިކްސަރުން ގިރާލާފައި ވެނީލާ އެސެންސް އާއި ކުލަ އެއްކޮށްލާށެވެ. ދެން ޕާންފޮތި ތަކުގައި ވިޕިންގް ކްރީމް ހޭކުމަށް ފަހު ރޯލެއްހެން އޮޅާފައި ކިރުފޮދުގައި ޕާން ރޯލް ހަލާކުނުވާ ވަރަށް ފޯކޮށްފައި ބޭރުގައި ކާށި ހުނި ހާކާލުމަށް ފަހު ސާވް ކުރާށެވެ.

ސިއްހީ ފައިދާ:

ސްވީޓް ބްރެޑް ރޯލް ހެދުމަށް ބޭނުންކޮށްފައިވާ ތަކެއްޗަކީ މީހާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދައިދިނުމަށް އެހީތެރިވެދޭ އެއްޗެއްސެވެ. މި ގޮތުން ޕާނަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓް ލިއްބައިދޭ ކާއެއްޗެކެވެ. ޕާނުގައި ފައިބަރާއި ވިޓަމިންސް އަދި މިނަރަލްސް ހިމެނެއެވެ. މީގެ އިތުރުން ވިޕިން ކްރީމްއަކީ ހަށިގަނޑަށް ބޭނުންވާ ވިިޓަމިން، އޭ، ޑީ، އީ، ކޭ ގެ އިތުރުން ގިނަ އަދަދެއްގެ މިނަރަލްވެސް ހިމެނޭ އެއްޗެކެވެ.