އުމުރުން 5 އަހަރުގެ ނޭތަން ކަމާގޯއަށް ފުރަތަމަ ފިޓު ޖެހުނީ ޕްރީސްކޫލް ގްރެޖުއޭޝަންގެ ދެ ހަފްތާ ކުރިންނެވެ. ޓެސްޓުތަކާއި ސްކޭންތައް ހެދުމަށް ފަހު އެންމެ ފަހުން އެނގުނީ އޮޓޯއިމިއުން އެންސެފަލައިޓިސް ބަލީގެ ޝިކާރައަކަށްވެ، އަމިއްލަ ދިފާއީ ނިޒާމުން ސިކުނޑިއަށް ހަމަލާދެމުން ދިޔަ ހާލަތެއް ނޭތަންއަށް ކުރިމަތިވެފައި ވާކަމެވެ.

ހޮސްޕިޓަލުގައި ގާތްގަނޑަކަށް އަށް މަސް ހޭދަކުރީ ފުރާނައާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މިއިން ކޮންމެ ހިނދުކޮޅެއްގައިވެސް ނޭތަން ކަރީގައި ހޭދަކުރީ އޭނާގެ މަންމައެވެ.

އުމުރުން 35 އަހަރުގެ ޖެސިކާ ރޮޑްރިގޭޒް ބުނީ، އަބަދުވެސް ހިތްވަރު ކުރުމަށާއި ވަރުގަދަވާން ޖެހޭނެ ކަމަށް ދަރިފުޅަށް ނަސޭހަތްތެރި ވާކަމަށެވެ. "ޑޮކްޓަރުން ވެސް ބުނަނީ ހިތްވަރު ކުރާށޭ. ދަރިފުޅު ބަލިން މުޅިން ރަނގަޅު ކުރުމަށް ދޭނެ ފަރުވާއެއް ނެތް ކަމަށް. ދަރިފުޅަށް ހިތްވަރުދިނުމަށާއި އަދި އަހަރެންވެސް ހިތްވަރުކުރުމަށް." ޖެސިކާ ރޮޑްރިގޭޒް ބުންޏެވެ.

ހާދިސާ ދިމާވި ފުރަތަމަ ފަހަރު މެއި 17، 2022 ވީ އަންގާރަ ދުވަހު ކްލާހުގައި އިންދާ ނޭތަން އަށް ފިޓު ޖެހިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އެމަޖެންސީ ރޫމަށް ދިޔުމުން، ސީޓީ ސްކޭން ހަދައި، އިތުރު ފަރުވާ ދިނުމަށް އެރޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބޭއްވީއެވެ. ޓެސްޓުތަކުން ރަނގަޅު ކަމަށް ދެއްކުމުން ހޮސްޕިޓަލުން ދޫކޮށްލީއެވެ.

ނޭތަން ކިޔވަމުން އައި ރޮބާޓް ރ. ރޯޖަސް އެލެމެންޓަރީ ސްކޫލަށް އަނބުރާ ދިޔައީ ދެން އައި ހުކުރު ދުވަހުއެވެ. އެ ދުވަހު އަނެއްކާވެސް ނޭތަން ފިޓު ޖެހުނެވެ. އަނެއްކާވެސް އެމަޖެންސީ ރޫމަށް ގެންގޮސް އެމްއާރުއައި ހެދުމަށްފަހު ގެއަށް ފޮނުވާލީ އެންޓި-ސީޒާ [ފިޓް ޖެހޭތީ ދޭ ބޭސް] ބޭހާއެކުއެވެ. ޖެހިގެން އައި ހަފްތާ ކަޑައްތުކުރީ ވަރަށް ބަލިކޮށެވެ. މެއި 30 ވަނަ ދުވަހު ޖެސިކާއަށް ހޭލެވުނީ ނޭތަން އައިސް ގޮވާ، އޭނާގެ އަތުގައި ރިއްސާކަމަށް ބުނުމުންނެވެ. އެދުވަހު ހެނދުނު އަނެއްކާ 3 ވަނަ ފިޓު ޖެހިގެން ނޭތަން އެޑްމިޓްކުރިއެވެ.

ހަފުތާއްހާ ދުވަހުގެ ތެރޭގައި ނޭތަން އަށް ހިނގާބިނގާވެ ނޫޅެވުމާއި، ވާހަކަދެއްކުމާއި ކެއުމަށް އުނދަގޫވިއެވެ.

"ދަރިފުޅުގެ ދެ އަތް ތެޅެނީ، ދެފައި ތެޅެނީ. ރެއާއި ދުވާލު ކޮންޓްރޯލެއް ނެތި ތުރުތުރުއަޅަމުން ދިއައީ." ޖެސިކާ ބުނީ އެ މަންޒަރަކީ މައެއްގެ ހިތަށް ބަލަން ކެތްވާ މަންޒަރެއް ނޫން ކަމަށެވެ.

ފޮޓޯ: ޓެކްސަސް ޗިލްޑްރަންސް ހޮސްޕިޓަލް

އޭގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ނޭތަން އަށް އެންޓި-އެންޑީއެމްއޭ ރިސެޕްޓަ އެންސެފަލައިޓިސް ޖެހިފައިވާކަން އެނގުނުއިރު، އެއީ ސިކުނޑީގެ އިންފްލެމޭޝަން އެކެވެ. އޭގެ ސަބަބުން އަމިއްލަ ދިފާއީ ނިޒާމަށް އޮޅިގެން ސިކުނޑިއަށް ހަމަލާދެވެނީއެވެ.

ނޭތަންގެ ހަވަނަ އުފަންދުވަހުގެ ހަތަރު ދުވަސް ކުރިން، ޖުލައި 7، 2022 ވަނަ ދުވަހު އޭނާ ބަދަލުކުރީ ގެއާ 700 މޭލަށްވުރެ ދުރުގައި ހުންނަ ހިއުސްޓަންގެ ޓެކްސަސް ޗިލްޑްރަންސް ހޮސްޕިޓަލަށެވެ.

"އެއް ޑޮކްޓަރު އަހަރެން ކައިރީ ބުނި ނޭތަން މި ބަލިން ރަނގަޅެއް ނުވާނޭ. ސްކޫލަކަށްވެސް ދެނެއް ނުދެވޭނެއޭ. ކުރިން އުޅުނު ގޮތަށް ދެން ނޭތަންއަކަށް ނޫޅެވޭނެއޭ. އަހަރެން އެކަމަކު ހިތްވަރު ކުރިން. އުންމީދުކުރިން ނޭތަން އަށް ފުރިހަމަ ސިއްހަތެއް ލިބޭނެކަމަށް. އެ އުންމީދުގައި އަހަރެން ކޮންމެ ދުވަހެއްވެސް ހޭދަކުރީ" ޖެސިކާ ބުންޏެވެ.

ޓެކްސަސް ޗިލްޑްރަންސް ހޮސްޕިޓަލުގެ ޗީފް އޮފް ރިއުމެޓޮލޮޖީ ޑރ. އެޔަލް މުސްކަލް ބުނީ، އާންމުކޮށް ގާތްގަނޑަކަށް ތިން މަސްދުވަހުގެ ފަރުވާއަށްފަހު ބަލިމީހުން ރަނގަޅުވާން ފަށާކަމަށެވެ. ނަމަވެސް ނޭތަންގެ ބަލި އިތުރަށް ގޯސްވީއެވެ.

އެހެން ބަލިމީހުންނަށް ފިޓުޖެހޭ ނިސްބަތަށްވުރެ ނޭތަންއަށް މާ ގިނައިން ފިޓުޖެހޭކަން ފާހަގަ ކުރެވުނު ކަމަށް ޑޮކްޓަރު ބުންޏެވެ. ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ފިޓު ޖެހޭކަމަށް ޑޮކްޓަރު ބުންޏެވެ.

ނޭތަން ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއިން ކީ މަރުހަބާ

އެންމެ ފަހުން ކީމޯތެރަޕީއިން ފަރުވާކޮށް، ނޭތަންގެ ހާލު ރަނގަޅުވާން ފަށާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ ހަށިގަނޑު އަމިއްލައަށް ހަރަކާތްކުރަން ފެށިއެވެ. ޑިސެމްބަރު މަހުގެ ތެރޭގައި ނޭތަން ވަނީ އަނެއްކާވެސް ވާހަކަ ދައްކަން ފަށާފައެވެ.

މިއަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ނޭތަން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މިހާރު އޭނާ އަންނަނީ ތެރަޕީ ނަގަމުންނެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ކީމޯތެރަޕީ ފަރުވާތައް ކުރަމުން އަންނާތީ ނޭތަން މިހާރު ކިޔަވަމުން އަންނަނީ ގޭގައެވެ. ނަމަވެސް ނޭތަންގެ އުންމީދަކީ ބަލިން ޝިފާލިބި، ދެވަނަ ގްރޭޑަށް ކިޔެވުމަށް ސްކޫލަށް ދެވޭ ވަރަށް މީހާ ވަރުގަދަވުމެވެ.