އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ހުކުރު ނަމާދުގެ ކުރިން މި މިސްކިތް ހުޅުވައިދެއްވާ ނައިބު ދެއްކެވި ވާހަކަގައި ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށާއި އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

ނައިބް ނަސީމް ވަނީ ބަނދަރު ސަރަހައްދުގައި އެޅި މި މިސްކިތުގެ ސަބަބުން ގިނަ ބަޔަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި މިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭގޮތަށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވައި ދެއްވުމަށް ފަހު ހުކުރު ހުތިބާ ވިދާޅުވެ ހުކުރު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރުއެވެ.

މިސްކިތް ހުޅުވުމުގެ ރަސްމީއްޔާތުގައި ނައިބް ރައީސްގެ އިތުރުން އިސްލާމިކް މިނިސްޓާ ޑރ. އަހުމަދު ޒާހިރު އަލީ އާއި އައްޑޫސިޓީ މޭޔާ އަލީ ނިޒާރު އަދި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.