ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު އަންނަ އާދިއްތަ ދުވަހު ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ މި މަހުގެ 26 ވާ އާދިއްތަ ދުވަހުން ފެށިގެން އޭޕްރިލް 06، 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މިދިޔަ އަހަރުވެސް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަމަށެވެ. އަދި ކަދުރު ދިނުމަށް ހަމަޖެހިފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023 ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށް ފަހު އެ ކައުންސިލްތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަދުރު ބަލާ ދާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.