ރަމަޟާން މަހަކީ އުޅުމާ ގުޅުންތައް އިސްލާހުކޮށް، އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތު ކުރުމަށް މާތްﷲ ދެއްވާ މަތިވެރި ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

މި ހިތާބުގައި ރައީސް ވިދާޅުވީ ރަމަޟާން މަހަކީ، ކީރިތި ގުރުއާން ކިޔެވުމާއި ދުއާކުރުން ގިނަކޮށް، އަޅުކަން ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީތެރިކަން ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރުކަމަށެވެ. އަދި މިއީ އުޅުމާ ގުޅުންތައް އިސްލާހުކޮށް ހަޔާތުގެ އާބާތުރަ ފިލުވައި އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތު ކުރަން ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރޯދައިގެ އެންމެ މަތިވެރި ރޫހާނީ ފިލާވަޅަކީ އިންސާނާއާއި އޭނާގެ ވެރި ރައްބާ ދެމެދު އޮންނަ ގުޅުން އަލުން އާލާކޮށް ބަދެހިކުރުންކަމަށެވެ. އަދި ރޯދައިގެ އިޖްތިމާއީ ފިލާވަޅަކީ، އެކަކު އަނެކަކަށް ދީލަތިވެ ހެޔޮފޯރުވާ އުޅުމާއެކު އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތްކުރުން ކަމަށެވެ.

ރައީސްގެ ހުތުބާގައިވަނީ މި ރަމަޟާން މަހު, ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ގުރުއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީހް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.