މިރޭ ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސްގެ ފެކްޝަނާއެކު ޖޭޕީން ބޭއްވީ ބައްދަަލުވުމުގައި ދެ ފަރާތް ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެ ބައްދަލުވުމަށް ވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ މިރޭ 9:30 ގައި ކުނޫޒުގައި އޮތް އެ މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީގެ ލީޑަރު ކަމަށާއި، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އޭނާ އާއި އެސްޓީއޯގެ އެމްޑީ ހަސަން އަމްރު އެ ބައްދަލުވުމަށް ވަޑައިގެން މަޝްވަރާ ކުރެއްވި ކަމަށެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރެވުނު މަޝްވަރާތަކަކީ، ޖޭޕީއާއެކު މަސައްކަތް ކުރެވޭނެ ސިޔާސަތުތައް ކަނަޑައެޅުމަށާއި އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވާއިރު، ދެފަރާތުން އެކުގައި މަސައްކަތް ކުރުމަށް މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތައް ކަމަށެވެ. އެ ގޮތުން އެ މެނިފެސްޓޯ ހެދުމަށް ކުރިއަށް ދާން ޖެހޭ ގޮތްތަކާ ގުލޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ މަޝްވަރާތަކާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުން ގާސިމަށް އެ ވާހަކަތައް ހިއްސާކުރައްވާ އިރު ރައީސް ނަޝީދަށް ވެސް އެ ވާހަކަތައް ހިއްސާ ކުރައްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ޖޭޕީއާއެކު ރައީސް ސޯލިހުގެ ފެކްޝަނުންވެސް ވަނީ މަަޝްވަރާ ކޮށްފައެވެ. އެހެންނަމަވެސް ގާސިމް ވަނީ ދާދިފަހުން ބޭއްވި އެ ޕާޓީގެ ކޮންފަރެންސްގައި ކޯލިޝަން ހަދައިގެން ލިބިވަޑައިގަތީ ހިތި ތަޖުރިބާ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓިން ވާދަކުރާ ކަން އިއުލާން ކޮށްފައިވާ އިރު، ގާސިމް ވަޑައިގަންނަވަނީ ރާއްޖޭގެ އިސް ބޭބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީން ބަލިވެވަޑައިގަތުމުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ މެންބަރުން ގެންދަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހެދުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ ގޮފި އަދި ބުޖޫދެއް ނުވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު އަދި ރަސްމީކޮށް އިއުލާން ކުރައްވާފައި ނުވި ނަމަވެސް މި ފަހަކަށް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ނަޝީދުގެ ތާއީދު އޮތްކަން އަންނަނީ ފެންނަމުންނެވެ.