ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި އިބްރާހިމް ފައިހް ނިޒާމްގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ފައިހް ހޯދަން އިއުލާނު ކޮށްފައި ވަނިކޮށް އޭނާ ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ފުލުހުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިއްޔެ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވަނީ ފުލުހުން އޭނާ ހޯދުމަށް އިއްޔެ އޮޕަރޭޝަނެއް ވެސް ހިންގާފައި ވަނިކޮނެވެ.
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ އެ މައްސައަކާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް އޭނާ ހޯދުމަށް މި މަހުގެ 16 ވަނަ ދުވަހުވެސް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.
ފައިހް ހައްޔަރު ވިޔަ ނުދިނުމަށްޓަކައި އޭނާ ފޯރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދިވެހި ފަސް ފިރިހެނުން ހައްޔަރު ކުރުމަށްފަހު އޭގެ ތެރެއިން 2 މީހަކު ވަނީ ދޫކޮށްލާފައެވެ. ދެން ތިބި 3 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުވުމުން 3 މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާޒިޔާ ސްޕޯޓްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެއް ވެސް މި މައްސަލައިގައި ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި 3 މީހުންގެ ތެރޭގައި ހިމެނެއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗަށް ފަހު ދަނޑުގެ ބޭރަށް ނިކުމެ ހުއްޓައެވެ.