އާއިލާ ނުވަތަ ގާތް ތިމާގެ މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ ބައެއް މީހުންނަށް މި ޒަމާނުގައި ދަތި ކަމަކަށް ވެދާނެއެވެ. ވަޒީފާގެ ސަބަބުން ނުވަތަ އެނޫންވެސް ބޮޑެތި ޒިންމާތަކުގެ ސަބަބުން އާއިލާ އާއި ދަރިންނާ އެކު ވަގުތުތައް ހޭދަކުރުމަށް ގިނަ ފަހަރު ވަގުތު ދެވެން ނެތް ހާލަތްތައް އާދެއެވެ. މި ދަންނަވާ ”ބިޒީ ލައިފް“ގެ ސަބަބުން އެތައް އާއިލާ އެއް ރޫޅިގެން ގޮސް ބައެއް އާއިލާތަކުގެ ގުޅުމަށް ބުރޫ އަރާފައިވެސް ވެއެވެ.
ނަމަވެސް މި ބިޒީ ދިރިއުޅުމުގެ ސަބަބުން ހީނަރުވަމުންދާ އާއިލާތަކުގެ ގުޅުންތައް ރަނގަޅުކުރުމަށްޓަކައި, ރަމަޟާން މަހަކީ ލިބޭ ރަނުގެ ފުރުސަތެކެވެ. ވަޒީފާ އާއި އެހެނިހެން ޒިންމާތަކުގެ ސަބަބުން އާއިލާ އަށް ވަގުތު ނުދެވޭ ފަހަރު އައި ނަމަވެސް, އާއިލާ އާ އެކު ވަގުތުތައް ހޭދަކުރުމަށާއި, އާއިލީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި ރަމަޟާން މަހު ފުރުސަތުތައް ފަހިވެގެން ދާނެއެވެ.
ތިރީގައި މި ލިސްޓުކޮށްލަނީ އާއިލާ އާއި ދަރިންނާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ރަމަޟާން މަހު ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
އާއިލާ އެކީގައި އަޅުކަމުގައި ވަގުތު ހޭދަކުރުން
ކޮންމެ ދުވަހަކު ކުރާ ނަމާދާއި ތަރާވީހު ނަމާދު ކުރުން، އަދި އެކީގައި ޤުރްއާން ކިޔެވުމަކީ ރޫހާނީ ގޮތުން ހަމައެކަނި ކުރިއެރުމަށް އެހީތެރިވެދޭނެ ކަމެއް ނޫނެވެ. އެކީގައި ނަމާދުކުރުމާއި ޤުރްއާން ކިޔަވަން ވަގުތު ހޭދަކުރުމުގެ ސަބަބުން އާއިލާގެ މެދުގައި ގުޅުން ވެސް ބަދަހިވެގެން ދާނެއެވެ.
ރޯދަ ވީއްލުމުގެ ކުރިން އާއިލާ އާ އެކު ވަގުތުތައް ހޭދަކުރުން
އާމްދަނީ ހޯދުމަށްޓަކައި ރަމަޟާން މަހު ވެސް މަސައްކަތްކުރަން ޖެހޭ އިރު, އާންމު ގަޑިތަކަށް ވުރެ ރަމަޟާން މަހު މަސައްކަތްކުރަން ޖެހޭ ގަޑިތައް މަދުވާނެއެވެ. ވުމާއެކު މަަސައްކަތްތައް ނިންމާލުމަށް ފަހު ހަވީރު އެ ލިބޭ ހުސްވަގުތުތަކުގައި އާއިލާ އާ އެކު ހިނގާލަން ނުކުތުން, ނުވަތަ ގޭތެރޭގައި ރޯދަ ވީއްލުމަށް ސުފުރާމަތި ތައްޔާރުކުރުން ފަދަ ކަންކަމުގައި ޝާމިލުވުމުގެ ސަބަބުން އާއިލާގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ.
ވާހަކަތަކާއި ތަޖުރިބާތައް ހިއްސާކުރުން
ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކާއި ވަޒީފާ އާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ވާހަކަތައް ހިއްސާކޮށް އެކަކު އަނެކަކު ރަނގަޅަށް ދަސްކުރުމަށްޓަކައި ރަމަޟާން މަހަކީ ރަނުގެ ފުރުސަތެކެވެ. އެގޮތުން ތަރާވީސް ދަމު, ނުވަތަ ހާރު ދަމު, ނުވަތަ ރޯދަ ވީއްލާ ވަގުތު އާއިލާ އެއްކޮށް ވަގުތު ހޭދަކޮށް, އެކަކު އަނެކަކުގެ ވާހަކަތައް ހިއްސާކުރުމަކީ އާއިލާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް, އެކަކު އަނެކަކު ރަނގަޅަށް އެނގެން މަގުފަހިވެގެން ދާނެ ކަމެކެވެ.
ރޯދަމަހު އަޅުކަމުގެ ފައިދާ ލިބިގަންނަން އިސްކަން ދޭ ފަދައިން އާއިލާ ގުޅުންތައް ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ ފައިދާ ލިބިގަންނާށެވެ. އެއީވެސް އަޅުުކަމަކަށް ވާއިރު، އާއިލާ ގުޅުމަކީ އޭގައި ގިނަ ހެޔޮ ދަރުމަ ހުރި ކަމެއްވެސް މެއެވެ.