މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި އެ ކުންފުނީގެ ދަށުން ހިންގާ ސަަރަހައްދީ ބަނދަރުތަކުގައި މަސައްކަތް ކުރަމުންދާ މުވަޒަފުންނަށް ރޯދަ އިނާޔަތާއެކު ރޯދަ ހަދިޔާ ދޭން ނިންމައިފިއެވެ.

އެމްޕީއެލުން ބުނީ، އެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދީފައިވާ ކަމަށާއި އަދި ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް އިތުރު 2000 ރުފިޔާ ދޭން ނިންމީ އެ ކުންފުނީގެ މެނޭޖްމަންޓުންނާއި ބޯޑުން ކަމަށެވެ. އަދި މިގޮތަށް ނިންމީ ބަނދަރުތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުންނަކީ ރޯދަ މަހު ވެސް، މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރާނެ ބަޔަކަށް ވާތީ، މިއީ އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެމްޕީއެލުން ބުނެއެވެ.

ރޯދަ މަހަކީ މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދާ ވެސް އިތުރުވާ މަހެކެވެ. އެހެންކަމުން އެމްޕީއެލުން މަސައްކަތް ކުރަނީ އެ ކުންފުނީގެ އޮޕަރޭޝަން މަސައްކަތްތައް ވީހާ ވެސް އޮމާން ކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ. އެކަމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ މުވައްޒަފުން ކަަމަށް ވެސް އެމްޕީއެލުން ފާހަގަ ކުރެއެެވެ.

މީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ރޯދަ މަހު ހަވީރު ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަންޖެހޭ މުވައްޒަފުން ކަން އެމްޕީއެލުން ވަނީ ފާހަގަ ކޮށްފައެވެ.