އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސް ލީޑަރުންނާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެެވެ.
އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަނަ ނިންމަވާފައިވާ ކެންޑިޑޭޓުން މިހާރު ގެންދަވަނީ އެ ބޭފުޅުންނަށް ތާއިދު ކުރާ މީހުން ބެއްލެވުމަށް އެކިއެކި އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވަމުންނެވެ. އެ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތްޕުޅުން މި ސަރުކާރު ހިންގަމުންދާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު ވަނީ މަޝްވަރާ ކޮށްފައެވެ. އެ ޕާޓީތަކުގެ ތެރެއިން އަދި ރައީސް ސޯލިހަށް ތާއިދުކޮށްފައި ވަނީ އަދާލަތުން އެކަންޏެވެ.
އެމްއާރްއެމުން އަދި ގޮތެއް ނިންމާފައި ނުވާ އިރު، އިތުރު މަޝްވަރާ ބައްދަުވުންތަކަށް ފަހު އެ ޕާޓީގެ ނިންމުން ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޖުމްހޫރީ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާންކޮށް ޕްރައިމަރީ ބާއްވަން ނިންމާފައެވެ.
ރައީސް ސޯލިހު ކޯލިޝަން ހެއްދެވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ އިރު، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއެކު ވެސް ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަވާފައެވެ. އެ ބައްދަލުވުންތަކުގައި ރައީސް ސޯލިހްގެ ފަރާތްޕުޅުން އެ މަނިކުފާނުގެ މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިއަދު އަދާލާތު އަދި އެމްޑީއޭގެ ލީޑަރުންނާ ރައީސް ސޯލިހް ބައްދަލު ކުރައްވާފައިވާ އިރު، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.