46 އަހަރުގެ މީހަކު މާލޭން ގެއްލިގެން ނުފެނިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ނުފެނިފައިވާތީ ހޯދަމުން ދަނީ އުމުރުން 46 އަހަރުގެ ހ. ކޯލީފްލާވާ / މާލެ، އަހްމަދު ނާޝިދެވެ. އޭނާ ގެއްލުނުތާ މިއަދަށް އެއް ހަފްތާ ވާނެއެވެ.

ވީނުވީއެއް ނޭނގި މިދިޔަ ބުދަ ދުވަހު ގެއްލުނު ނާޝިދު ގެއްލިގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން އޭނާ ފެނިފައިނުވާ ކަމަށް ބުނެ، ނާޝިދާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރާ (9911099) ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީހުން ގެއްލޭ މައްސަލައިގައި މީގެ ކުރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިދިޔަ މަހު މެދުތެރޭ ހުށަހެޅުއްވި އެ މައްސަލަ ތަޅުމުން ބޭރުކޮށްލުމުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފައެވެ.