ރޭ އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިން ރައީސްގެ މޮޓޯކޭޑްއަށް ހުރަސްއެޅި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރޭ ކުރިއަށްގެންދިޔަ މުޒާހަރާއިން 8 ފިރިހެނެނުންނާއި 9 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ރައީސްގެ މޮޓޯކޭޑްއަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 4 ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.
ރޭ އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.
މައުލޫމާތު ލިބުނު ގޮތުގައި މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ.