އަންހެނުންނަށް ފުރުސަތާއި ވަޒީފާ ފަހިކޮށް ދެވިއްޖެ ކަމަށާއި ދެން އޮތީ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރުފުޅާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މުޖްތަމައުގައި އަންހެނުންގެ ދައުރާ ކާމިޔާބީތައް ދަނެގަނެ އެކަން ފާހަގަކުރުން ކަމަށެވެ. އަދި އިގްތިސޯދީ އަދި ސިޔާސީ ގޮންޖެހުންތަކާއި މިންތީ ތަފާތުތައް ކުޑަކުރުމުގެ މުހިންމުކަމަށް މުޖްތަމައު ހޭލުންތެރިކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ވެސް މިންތީ ހަމަހަމަކަން ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަަމެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ" މި ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީ އާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމުގައެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިގްތިސާދު ސިންދަފާތުކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތް ކޮށްފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ އަބަދުވެސް ދައްކަނީ އަންހެނުންނަށް ފުރުސަތުތުތައް ފަހިކޮށްދޭންޖެހޭ ވާހަކަ އާއި ވަޒީފާތައް ހޯދައިދޭން ޖެހޭ ވާހަކަކަމަށެވެ. އަދި އަންހެނުން މަގާމުތަކަށް އިންތިހާބުކުރުމުގެ ވާހަކަކަމަށާ އެހެންނަމަވެސް ހަމައެކަނި ފުރުސަތާއި ވަޒީފާގެ ވާހަކައިން، މަންޒިލެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ދެން ދައްކަންވީ ކަންކަން ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ރައީސް ވިދާޅުވީ ދެން މަސައްކަތްކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުންކަމަށް ކަމަށެވެ. އަދި ސަރުކާރު ތެރެއިންވެސް އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، މިހާރަށްވުރެ ފުޅާދާއިރާއެއްގައި ކަންކަން ނިންމުމުގައި އަންހެނުންގެ ހިޔާލާ މަޝްވަރާގެ ބޭނުންކޮށް އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މުޅި މުޖްތަމައުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ރޫހު އުފެދިގެން ދިއުމަށް އުންމީކުރައްވާކަމަށެވެ.