އިދިކޮޅު ޕީޕީއެމާ އެކު އެމްއާރުއެމުން ކުރިއަށް އޮތް އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ކޯލިޝަން ހަދާނެ ކަމަށް، އެމްއެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ އޮފީހަށް ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ، ރިޔާސީ އިންތިހާބާ މެދު އެމްއާރުއެމުން ނިންމާ ގޮތެއް އިއުލާނު ކުރާނީ އެ ޕާޓީގެ ކައުންސިލުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ހުރިހާ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި، ކޮންމެ ކަމެއް ވެސް އެކަމެއްގެ ވަގުތުގައި މަޝްވަރާކޮށްފައި ގޮތް ނިންމާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމާ އެކު ކޯލިޝަން ހައްދަވާފާނެ ކަމުގެ އިޝާރާތެއް މައުމޫން ދެއްވިއިރު، ޕީޕީއެމަކީ އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ޕާޓީއެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް ކުރީގެ ރައީސް އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2016 ގައި އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އިއްޔެ މައުމޫން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފައެވެ. ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ ވަކި ގޮތެއް ނިންމާފައިނުވާ ހަމައެކަނި ޕާޓީއަކީ އެމްއާރުއެމެވެ.