ކުރިއަށް އޮތް ރޯދަ މަސް ފެށެން ވާ އިރަށް އިސްލާމީ މަރުކަޒާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ އުސްމާން މިސްކިތުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި އާ ކާޕެޓް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. 2 އަހަރަށް ފަހު އެ މިސްކިތުގައި އާ ކާޕެޓް އަޅަން ފަށާފައިވާ އިރު، މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަަމަށް އެ މިނިސްޓްރީން ބުނެއެެވެ.

ކޮވިޑް-19 އާ ގުޅިގެން އިސްލާމީ މަރުކަޒުގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ. އޭގެ ފަހުން މި ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ތެރޭގައި ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ނުވަނީ އޭރުގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދީފައި ވާތީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވަގުތީ ދެވަނަ މިސްކިތް، މަސްޖިދް އުޘްމާން ބިން އައްފާން މިސްކިތަށް އިތުރު ކުރާ ބައިގެ މަސައްކަތް ރޯދަ މަސް ފެށެން ވާއިރަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ.

600 މީހުންގެ ޖާގައާއެކު ބިނާކޮށްފައިވާ އެ މިސްކިތަށް ޖާގަ އިތުރު ކުރުމުން އިތުރު 600 މީހުންނަށް ނަމާދު ކުރެވޭނެ ހާ ޖާގަ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެެވެ. އެ މަސައްކަތް ނިމުމުން އަންހެނުން ނަމާދު ކުރުމަށް ބޭނުންކުރާ ބައިގެ ޖާގަވެސް އިތުރުވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެެވެ.

މިދިޔަ އަހަރުގެ އޭޕްރިލް އެއްވަން ދުވަހު ހުޅުވި އުޘްމާން މިސްކިތަކީ ހުކުރު ނަމާދު ވެސް ކުރެވޭހެން، އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މިސްކިތެކެވެ.

މި ދެ މިސްކިތުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާ ލެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އެ މިސްކިތްތަކަށް ޒިޔާރަތް ކުރައްވާފައެވެ.