ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފަ ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12 އަށް ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓާތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ) އާއި ބީއެމްއެލް ޗެކް ޕްރޮސެސްކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށްދިނުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓުތަކަށް ހެނދުނު 11 ގެ ކުރިން ފޮނުވާ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ.

ހަމައެހެންމެ އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުން ހެނދުނު 9 ގެ ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި އެ ވަގުތުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވާ ދުވަހެއްގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.