އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގާ އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުން ކޮށްގެން ވިޔަފާރި ކުރި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ 42 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައި ވަނީ މިއަދު އެ މައްސަލަ ރިޕޯޓު ކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖު ބަލައި އެ މީހާ ދެނެގަތުމަށް ފަހުގައި ކަމަށެވެ.
ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުން ކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައި ވާއިރު ފުލުހުން ބުނީ އެ ތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަ ތަކެއް ފެންމަތިވަމުން އަންނައިރު މިއަހަރުގެ މިހާތަނަށް ފޭރުމުގެ 70 މައްސަލައަކާއި ވައްކަމުގެ 745 މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައެވެ.
ފޭރުމުގެ ތަފާތު އުކުޅުތައް މީހުން ބޭނުން ކުރަމުން އަންނަ އިރު ފަހަކަށް އައިސް ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަތަކެއް ކުރިމަތިވެފައި ވުމާ ގުޅިގެން ބީއެމްއެލްއިން ވަނީ ހުރިހާ ކިއުއާރު ޕޭމަންޓްތަކަށް ވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުން ކުރަން ޖެހޭ ގޮތަށް ބަދަަލުކޮށްފައެވެ. މީގެ އިތުރަށް ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތް ވެސް ބީއެމްއެލްއިން ހަދާފައިވެއެވެ.