ދިރިއުޅުމުގައި އެތައް ކަމަކާ އަހަރެން ކުރިމަތިލީމެވެ. އެއިން ކޮންމެ ކަމަކާ ވެސް ކުރިމަތިލީ ކެތްތެރިކަމާ އެކީގައެވެ. ކޮންމެ ކަމަކީ އަހަރެންގެ ބާރު ފޯރުވޭވެ ކަންކަމެއް ނޫނެވެ. ނަމަވެސް އެއިން ކޮންމެ ކަމެއް ތަޖުރިބާ ކޮށްގެން މެނުވީ އަހަރެންނަށް ކުރިއަށް ނުދެވޭނެ ކަން އިނގޭނެތީ ހިތްވަރާއި ކެތްތެރިކަން އަހަރެން އިސްކުރީމެވެ.

ބަލިވެގެން އުޅެން ޖެހުމުން ވެސް މީހަކަށް ބުރައެއް ޖައްސަން އަހަރެން ބޭނުމެއް ނުވިއެވެ. ކޮންމެ ހާލެއްގައި ވެސް މީހަކަށް އުނދަގުލެއް ނުޖައްސާ އުޅެން އަހަރެން ބޭނުންވީ ބައެއް މީހުންގެ ދުލުން އިވޭ ބަސްތައް އަދިވެސް މި ކަންފަތުގައި ހަރުލާފާ ހުންނާތީއެވެ. މަޔަކަށް ހިދުމަތް ކޮށްދޭން ޖެހުމުން މަންމައާ ހެދި އުނދަގޫވެގެން އުޅޭ ދަރިންގެ ވާހަކަތައް ވެސް އަޑުއިވިފައިވާތީ އަހަންނަކީ ދަރިއަކު އުފުލަން ޖެހޭ ބުރަކަށް ވާން ބޭނުން ނުވީއެވެ.

ސިއްހީ ގޮތުން ބައެއް ބަލިތައް އަހަރެންގެ ހަށިގަނޑުން ފެނުނު ނަމަވެސް އެ ވާހަކަތައް ދަރިފުޅާ ހިއްސާ ކުރާކަށް ބޭނުމެއް ނުވިއެވެ. ރާއްޖެއިން ބޭރުގައި އޭނާގެ ދަރިފުޅު ގޮވައިގެން ކިޔަވައި ދޭން ހުރި އަންހެން ދަރިފުޅުގެ ދިރިއުޅުމަށް އެޅޭ ހިޔަންޏަކަށް އަހަރެން ވެއްޖެ ނަމަ މާމަ ދަރީގެ ނަފްރަތުގެ ބަސްތަކާ ކުރިމަތި ލާން ޖެހިދާނޭ ހިތަށް އެރުމުން އެ ހުރިހާ ކަމެއް އަހަރެން ސިއްރު ކުރީމެވެ.

އަމިއްލައަށް ޑޮކްޓަރަށް ދައްކާލައިގެން ހަށިގަނޑަށް ރަނގަޅު ކާނާ ކައިގެން އަޅުކަން ކުރުމަށް އިސްކަން ދީގެން އަހަރެން ދިރިއުޅުން ކުރިއަށް ގެންިދޔައީ އެކަނިވެރި މައެއްގެ ގޮތުގައި ހުންނަ ޖެހި އުފުލި ތަކުލީފްގެ ވާހަކަތައް ވެސް އެއްވެސް މީހަކާ ހިއްސާކުރުމެއް ނެތިއެވެ. މީހެއްގެ އެހީ ނުލިބުމުން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔައީ މީހުންނަށް ހުރި ތަކުލީފަކަށް ވާން ބޭނުން ނުވާތީއެވެ.

ނަމަވެސް މިކަން ސިއްރުކޮށްގެން އުޅެވޭނެ ހާ ވަގުތެއް އަހަރެންނަކަށް ނުލިބުނެވެ. އެއްދުވަހު މަސައްކަތުގައި ހުއްޓާ އަހަރެންގެ މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނީ ކީއްވެކަން ހުދު އަހަރެންނަކަށް ވެސް ނޭގުނެވެ. މަސައްކަތް ކުރާ ތަނުގައި އުޅޭ މީހުން އަހަރެން ހޮސްޕިޓަލަށް ގެންދިޔަ އިރު، އާއިލާ އިން ގުޅާނެ މީހަކު ވެސް އެމީހުންނަކަށް ނޭނގުނެވެ. ސަބަބަކީ ދަރިފުޅު ހުރީ މެލޭޝިއާގައި ކަމުން އެ ކުއްޖާއަށް ގުޅޭނެ ނަންބަރެއް އެމީހުންގެ އަތުގައި ނެތުމެވެ.

އަހަރެން އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވޯޑެއް އަދި ރޫމެއްގައެއް ވެސް ނޫނެވެ. ހޭވެރިކަން ވެގެން ލޯ ހުޅުވަން މަސައްކަތް ކުރި އިރު، އެއީ އަލިގަދަ ތަނެއްކަން އެނގުނެވެ. އިވެމުން ދިޔައީ އެކި ޒާތްޒާތުގެ މެޝިންތަކުގެ އަޑުތަކެވެ. އަތަކަށް ހެލިކަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ވެސް ނުކުރެވުނެވެ. އެ ވަގުތު އަހަރެން ކައިރިއަށް އައި ނަރުސް ކުއްޖާއަށް އަހަރެން ލޯ ހުޅުވާލިކަން އެނގުމުން އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. އެތައް ސުވާލުތަކެއް އޭނާ ކުރަމުން ދިޔަ ނަމަވެސް އެ ވާހަކަތައް އަހަރެންނަށް ސާފުވާ ގޮތެއް ނުވިއެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން އަހަރެން މިއޮތީ އައިސީޔޫގައި ކަން ޔަގީން ކުރެވުނެވެ.

ދެން އަހަރެންގެ ލޯމެރެމުން ދިޔަކަން އެނގުނެވެ. ދެލޯ މެރި މޫނު މައްޗަށް އަނދރިވި އިރު ކަންފަތަށް އިވެމުން ދިޔައީ މެޝިންތަކުން އަޅަން ފެށި ބާރު އެލާމެއްގެ އަޑެވެ. އެއާއެކު އެނދު ކައިރީ ހުރި ނަރުސް ކުއްޖާ ޑޮކްޓަރުންގެ ޓީމަށް ގޮވާލި އަޑު އިވުނެވެ. އެއާއެކު އިވެމުން ދިޔަ އަޑުވެސް އަހަރެންނަށް ފުސްވެ ފަނޑުވަމުން ދިޔައެވެ. މިއީ ފަހު ވަގުތޭ ހިތާ ދުލުން ހެޔޮ އެއްޗެއް ކިޔޭތޯ އުޅެނިކޮށް އަހަރެންގެ ހަބަރު ހުސްވިއެވެ.

އެއަށްފަހު ދެން އަހަރެންނަށް ހޭވެރިކަން ވުމަށް ނެގީ ކިހާ ވަގުތެއް ކަމެއް ނޭނގެއެވެ. ފުން ނިންޖެއްގައި އޮއްވާ އިހުސާސްވީ، އަހަރެން އޮތް އެނދުގެ މަގަތުގައި މީހަކު އިށީން ކަމެވެ. އަދި އަހަރެންގެ އަތް ތިލައިގައި މިހާކު ހިފާލި އިހްސާސް ވަރަށް ރީއްޗަށް ކުރެވުނެވެ. ލޯ ހުޅުވާ ބަލާލެނާ ހިތްވަރު އަހަރެންގެ ގައިގައި ނެތް ނަމަވެސް އެއީ ކާކުކަން ދެނެގަންނަން އެނގުނެވެ. އަތުގައި ހިފާ އޭނާ ބާރުކޮށްލި ގޮތުން ވެސް އަހަރެންގެ އަތުން ދޫކޮށްލަން ބޭނުން ނުވެފައި އިން އިހްސާސް ކުރެވުނެވެ.

އެ އަތްތިލައިގެ މަޑުކަމަށް އަހަރެން ވިސްނާލީމެވެ. އަހަރެންގެ ހަށިގަނޑަށް ކުރި ފިނި އިހްސާސް އަބަދުގެ އަބަދަށް ބަހައްޓަން ބޭނުންވިއެވެ. އެންމެ ފުރަތަމަ އެ އިނގިލަތުން އަހަރެންގެ އިނގިލީގައި ހިފާ ބާރުކޮށްލި ދުވަސް އަހަރެންގެ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. އެއީ ދުވަހަކުވެސް އަހަރެންގެ ހަނދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ.

އެއީ އިތުރު އެހެން ތަނެއް ނޫނެވެ. ހަމަ އައިޖީއެމްއެޗް ހޮސްޕިޓަލެވެ. އެއީ އަހަރެންނަށް ތަފާތު އެތައް އިހްސާސްތަކެއް ކުރި ދުވަހެކެވެ. އުފާވެރިކަމާއި، ބިރުވެރިކަމެވެ. އުފާވެރިކަން އިހްސާސް ކުރެވުނީ ފުރަތަމަ ފަހަރަށް އަހަންނަށް މަންމާއޭ ކިޔާފައި ގޮވާލާނެ ތުއްތު މެހެމާނާ ބައްދަލުވާތީއެވެ. އަދި ބިރުވެރިކަން އިހްސާސް ކުރެވުނީ އެ ތުއްތު ކުއްޖާ އެކަނިމާ އެކަނި ތަރުބިއްޔަތު ކުރުމަކީ އަހަންނަށް ކުރެވިދާނެ ކަމެއް ކަމާ މެދު ސުވާލު އުފެދިފައި އޮތުމުންނެވެ.

ގައިގެ ވަރުދޫވެ ދެލޯ މެރެމުން ދިޔަ ވަގުތު ނަރުސް ކުއްޖާ އަހަރެންގެ މޫނުގައި ކޮއްޓާލުމުން ދެލޯ ހުޅުވާލީ ހުޅުވާލާ ހިތަކުން ނޫނެވެ. ނަމަވެސް ރަޖާގަނޑެއްގެ ތެރެއަށްލާ އޮޅާލާފައި އޮތް ތުއްތު ކުއްޖާ ދިއްކޮށްލަމުން "އަންހެން ކުއްޖެއް" ކަމަށް ނަރުސް ބުނުމުން އަހަރެންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނެވެ. މޭމަތީ އެ ކުއްޖާ ބޭއްވުމަށް ފަހު ނަރުސް ކުއްޖާ ކައިރީގައި ބަަލަން ހުއްޓެވެ. ހަދާނެ ގޮތެއް ނޭނގިފައި އޮވެ އެ ކުއްޖާގެ މޫނުގައި ބޮސްދެމުން އަހަރެން އަތުތެރޭ އެ ކުއްޖާ ބޮޑިކޮށްލީ ފުރާނައަށް ވުރެ ވެސް ލޯބިވާ އެ ދަރިފުޅު ގޮވައިގެން އެކަނިމާ އެކަނި އުޅެން ޖެހުނަސް ހިތްވަރު އެލުވާނުލާނެ ކަަމަށް އަޒުމް ކަނޑައަޅަމުންނެވެ.

އެ ވަގުތު އެ ކުއްޖާ އަހަރެންގެ އަތުގެ ކުޑަވައި އިނގިލީގައި ހިފާ ބާރުކޮށްލިއެވެ. އެ ތުއްތު އިނގިލިތަކުން ހިފާ ބާރުކޮށްލި އިރު، އެ ކުއްޖާ ވެސް މަންމަ އެކަނި ކޮށް ނުލާނަމޭ ބުނި ފަދަ އިހްސާސެއް އަހަންނަށް ކުރެވުނެވެ. އުފަލުން އެ ކުއްޖާ ގައިގައި ބައްދާލަމުން އަހަރެންނަށް ރޮއެގަނެވުނެވެ. ދުވަހަކުވެސް އެއްވެސް މީހަކު މި ދުނިޔެ މަތިން އަހަރެން ބަލައި ނުގަތަސް އެ ދަރިފުޅު އަހަރެން ބާކީ ކޮށް ނުލާނެ ކަމަށް ނިންމީމެވެ.

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް، އަދި މަސްތައް އަހަރުތަކާ އެކުވެ، ފާއިތުވެގެން ދިޔަލެއް ހާދަ އަވަހޭ އަހަރެންގެ ހިތަށް އެރިއެވެ. އަދިވެސް އަހަރެންގެ އަންހެން ދަރިފުޅު ހުރީ އަހަަރެންގެ އަތުގައި ހިފަހައްޓައިގެންނެވެ. ދޭތެރެއަކުން އަހަރެންގެ އަތުގައި ދެއަތުން ފިރުމާލާނެ އެވެ. އެއަށް ފަހު އަނެއްކާ ވެސް އަތްތިލައިގައި ހިފާ އެމަންޖެ ބާރު ކޮށްލައެވެ. އަހަރެން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ހަބަރު އޭނާއަށް ކޮންމެވެސް ގޮތަކުން ލިބިގެން ރާއްޖެ އައީ ކަން އަހަރެންނަށް އެނގުނެވެ. އެ ވަގުތު އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ނަމަވެސް އެތައް ވާހަކަތަކެއް އަހަރެން ބުނަން ބޭނުންވިއެވެ. އެކަމަކު އަހަރެން އޮތީ ބަހެއް ބުނެވޭ ހާލަތެއްގައެއް ނޫނެވެ. އެ އަތުގައި ހިފާ ބާރުކޮށްލަން ބޭނުން ވިޔަސް އެ ބާރު އަތަށް ގެނައުމަށް ވެސް އަހަރެން ވަނީ ނުކުޅެދިފައެވެ.

ލޯބިވާ ދަރިފުޅާއެވެ. މި މަންމަގެ އަތްތިލަ އަކީ ދަރިފުޅުގެ ހަޔާތަށް އެތައް އުފާވެރިކަމާއި ލޯތްބާއި އަޅާލުން ދޭން ބޭޏުންވި އަތެކެވެ. އެ ކަން މަންމައަށް ކުރެވެން އޮތް އެންމެ ފުރިހަމައަށް ކޮށްދެވުނު ކަމަށް ގަބޫލު ކުރަމެވެ. ދުވަހަކު ވެސް ދަރިފުޅު ހިތުގައި ޖެހޭ ވަރު ކަމެއް ކުރެވިފައިވާ ނަމަ މަންމައަށް މައާފްކޮށް ދޭށެވެ.

ހިތަށް އެރި ބަސްތައް ބުނެވޭނެހާ ހިތްވަރު ނުލިބުމުން އަހަރެން ހިތުގައި ޖެހުނެވެ. އެންމެ ފަހު ފަހަރަށް ވިޔަސް ދަރިފުޅުގެ ގައިގައި ފިރުމާލަން ބޭނުންވިއެވެ. މަންމަ ދިން ނަސޭހަތްތައް ހަނދާންކޮށް ދިރިއުޅުމުގައި ދިމާވާ ކަންކަމާ ހިތްވަރާ އެކު ކުރިމަތިލުމަށް ނަސޭހަތްތެރިވާން ބޭނުންވިއެވެ. އަދި އަބަދުވެސް މަންމަ ދަރިފުޅު ދެކެ ލޯބިވާ ވާހަކަ ވެސް ބުނަން ބޭނުން ވިއެވެ.

އެ ވަގުތުގެ އަހަރެންގެ މެރިފައިވާ ދެލޮލުގެ ދެ ފަރާތުން ކަރުނަތައް ފޭދިގެން ކަންފަތާ ދިމާލަށް ކަރުނަ ތިކި ދަތުރުކުރަން ފެށިއެވެ. އެ މަންޒަރު އަހަރެންގެ ދަރިފުޅަށް ފެނުމުން އެ ކަރުނަތައް ފޮހެދޭން އަހަރެންގެ ރޫޖެހިފައި މޫނުގެ ހަންގަނޑުގައި އެ މަންޖެ އަތް ޖައްސާލި އިހްސާސް ކުރެވުނެވެ. އެއަށްފަހު އަނެއްކާ ވެސް ދަރިފުޅު ޒާރާ އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

"ލޯބިވާ ދަރިފުޅާއެވެ. އަހަރެންގެ ދުލުން އެއްޗެކޭ ބުނެދޭނެ ބާރެއް މިއަދަކު ނެތެވެ. މިއަތުގައި ހިފައިގެން ހުންނަ އިރު، މަންމަ މި ބުނާ ވާހަކަ ދަރިފުޅަށް އިހްސާސް ކުރެވޭނެ ނަމައޭ ހިތަށް އަރައެވެ. މަންމަގެ ވަގުތު އައިސް ޖެހިއްޖެއެވެ. ދިގު ނިންޖަކުން ނިދާލަން ދެން މަންމަ ދޫކޮށްލާށެވެ. މަންމަ ވަރަށް ވަރުބަލި ވެސް ވެއްޖެއެވެ. ދެން މަންމަ ދިޔަ ދޭށެވެ. ލާއިލާހަ އިއްލަﷲ މުހައްމަދަށް ރަސޫލުއްﷲ"

ޝަހާދަތުގެ ދެކަލިމަ އަހަރެންގެ ހިތުން ކިޔާލި ވަގުތު، އަހަރެންގެ ދަރިފުޅު ވެސް އަހަރެންނާ އެކު އެ ދެކަލިމަ ކިޔާލި އަޑު އަހަރެންނަށް އިވުނެވެ. އެއާ އެކު އަހަރެންގެ ތުން ފަތްމައްޗަށް އުފާވެރިކަމުގެ ކުލަތައް ފާޅުވެގެން ދިޔައެވެ. މެޝިންތަކުގެ އަޑުތައް އަނެއްކާ އެލާމް އަޅަން ފެށިއެވެ. އެ އަޑުތަކުގެ ތެރެއިން އަހަރެންގެ ކަންފަތުގައި ޖެހުނު އެންމެ ފަހު އަޑަކީ ދަރިފުޅު ޒާރާގެ ވޭނީ ރުއިމުގެ އަޑެވެ.

"އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން"

(ނިމުނީ)