ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މުޖްތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ދަނީ ތަފާތުވަމުން، އަދި ބަދަލުވަމުން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ވެސް ބަދަލުވަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ބަދަލުވަމުން، ތަފާތުވަމުންދާ ކަމަށެވެ.

މިއީ ވެސް ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބެއް ކަން ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް، ވަރަށް ބޮޑަށް އިސްކަމެއް ދޭން އެބަޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދަމުންދާ ކަމަށާއި އެކަމުގައި، މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި، މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، ކުރީ ސަފުގައި ހިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމުގައި ދެކޭ ކަމަށެވެ.

ރައީސް ވަނީ ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ގާނޫނީ ރައްކާތެރިކަން އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ ކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ފުލުހުން މި އަހަރުގެ ތެރޭގައި ދެން ބޭނުންކުރަން ފަށާނެ އަނެއް ވަސީލަތަކީ، ޓޭޒާ ގަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިއީވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

ފަހަރެއްގައިވެސް މިއީ، ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގާއިމުވުމަކީވެސް، ޒަމާނީ ތައުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި، ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިންޓަޕޯލްގައި ދިވެހި ފުލުހުންގެ ދައުރު ފުޅާވެގެން ދިއުމަކީ ވެސް، ދިވެހި ފުލުހުންގެ ގާބިލުކަމާއި ހުނަރުވެރިކަން ބައިނަލްއަގްވާމީ މިންގަނޑުން ވެސް ވަޒަންކުރެވޭކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާުޅުވިއެވެ.