ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރަންސްއަކީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މަގު ދައްކައިދޭނެ އަލިގަދަ ބައްތިއަކަށް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމްގައި ބާއްވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރަންސް އިފްތިތާހް ކޮށް ދެއްވައި، އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތަޖުރިބާކާރުންގެ އިރުޝާދާއި، އިލްމީ ހަގީގަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާ ކުރުމުން، ނެރެވޭ ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށެވެ. އަދި މިފަދަ އިލްމީ ކޮންފަރަންސެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި، ހޯމް މިނިސްޓްރީއަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށް ޝުކުރު އަދާ ކުރައްވައި އެމަނިކުފާނު ވަނީ ކޮންފަރެންސްގެ އެންމެހާ ބައިވެރިންނަށް ކާމިޔާބު އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.

ޕޮލިސް ކޮންފަރެންސްގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ބޯޑުގެ ޗެއާޕާސަން ކޮމިޝަނާ އޮފް ޕޮލިސް (ރޓ) އަހްމަދު ފަސީހް ވިދާޅުވީ، ގޮތުގައި، ބަވަނަވެފައިވާ ދުނިޔޭގައި އުޅެމުންދާ އިރު ކުށްކުރުމުގެ ވައްޓަފާޅިއަށާއި ކުށްކުރުމުގެ ބާވަތްތަކަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އިލްމީ ނަޒަރަކުން ކަންކަން ދިރާސާކޮށްގެން ނޫނީ އެންމެ ފުރިހަމަ ހައްލެއް ލިބިގެން ނުދާނެއެވެ.

މީގެ އިތުރުން ކޮމިޝަނާ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިއަދު ދިވެހި ފުލުހުންގެ ހިދުމަތަކީ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަ ބާކިޔާނެ، އަދި ބަލައިގަންނާނެ މުއައްސަސާއެއް ކަމަށާއި، މި ކޮންފަރަންސްގެ ހޯދުންތަކުގެ އަލީގައި ކުރެވެން ހުރި ކަންކަން ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ކޮންފަރެންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މުޖުތަމައުގައި ބަސް ވިކޭ ފަރާތްތަކާއި ޔުނިވަސިޓީ އަދި ކޮލެޖްތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުންގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން ކުރާ ދިރާސާތަކާއި، ރަނގަޅަށް ކުރަމުންދާ މަސައްކަތްތަކާއި، ބިނާކުރަނިވި ހިޔާލުތައް ހިއްސާކުރުމަށް ފުރުސަތު ލިބޭނެއެވެ.

ޕޮލިސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ފޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ

މިކޮންފަރެންސްގެ ތިން ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު 10 ދާއިރާއަކުން ދިރާސާ ކަރުދާސް ހުށަހެޅުމަށެވެ. އެގޮތުން، އާންމު ފަރާތްތައް، ޖަމިއްޔާ، ކޮލެޖް އަދި ފުލުހުން ހިމެނޭ ގޮތަށް، އެކި ފަރާތްތަކުން 9 ދިރާސާ ކަރުދާސް ހުށަހަޅާ އިރު، އޭގެ ތެރެއިން އެންމެ ރަނގަޅު 5 ކަރުދާސް ހުށަހެޅި ފަރާތްތަކަށް އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރަންސް ކޮންމެ އަހަރަކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޕޮލިސް ބޯޑާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ބާއްވާ ކޮންފަރަންސެކެވެ.