ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 2 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު މާލެއާއި ހުޅުމާލޭގެ 7 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމް ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހުންނަކީ:

  • ގއ. ދާންދޫ، ބޯގަންވިލާ، ހަސަން އަލީ (26އ)
  • ޅ. ކުރެންދޫ، މެދުރިގެ، މުހައްމަދު އަލީޝް އަހުމަދު (28އ)
  • ހދ. ނޮޅިވަރަންފަރު، ސާރާޒް، ވަލީދު މުހައްމަދު (26އ)
  • ސ. ފޭދޫ، ފެނިގެއްލިދާގެ، ޖައިލަމް މުހައްމަދު ޒަކީ (28އ)
  • ފ. ދަރަނބޫދޫ، ނާރެސް، ޝަޔާން އިސްމާއީލް ވަހީދު (18އ)
  • އއ. ތޮއްޑޫ، ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ)

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ނިކޮޓިން ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، މޫންޝައިން ބްރޭންޑުގެ ކެނަބިސް ބުއިންތަކާއި ފްލޭވާ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވާ ކަމަށެވެ. އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް 5 ދުވަހަށް ބަންދު ކުރުމަށް ނިންމާފައިވާކަމަށާއި، މައިޝަމް އަދި ޝަޔާން 10 ދުވަހަށް ބަންދު ކުރަން ނިންމާފައިވާކަމަށެވެ. އަދި އަލީޝް އާއި ވަލީދު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.