މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެމެރިކަން ލެޖެންޑްގެ ސިނގިރޭޓް ކާޓަން އާ އެކު ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލި ކަޅު ކުލައިގެ ތިން ކޮތަޅު ބަލައި ފާސްކުރިއިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ އިރު މި މައްސަލައިގައި ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަންއެވެ.

މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ އެންމެންވެސް ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާތީ އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ 5 ދުވަސް ޖަހާފައެވެ.

ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެ އަލުން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެމީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ. އެމީހުން ބަންދުން ދޫކޮށްލި އަމުރުގައިވަނީ މިއީ ވަގަށް ނަގާފައިވާ ސިނގިރޭޓުތަކެއްކަމަށް އެމީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވީ ނަމަވެސް ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން އަދި ފުލުހަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. އަދި އެ މީހުންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ފަރާތްތަކެއްކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިދޭސީން އަތުން އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ އެމީހުން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައިވާއިރު އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.