މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޑްގަރް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހަސަން ނިމާލު (44އ)، މއ. ދަގަނޑުކެޑިގެ / މާލެ، އާއި ޝިފާނާ އަބްދުއްސައްތާރު (38އ) ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، އެވެ.

ފުލުހުން ބުނީ މި މެއި މަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި އެގެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަސްތުވާތަކެއްޗާއި މިފަދަ އެހެން މައްސަލަތަކުގައި ޝާމިލުވެ، ހައްޔަރުކުރާ އަންހެނުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.