އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ހައްޔަރު ކުރި އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ރައުދުއަށް ފުރަތަމަ ބަންދަށް ޖަހާފައި ވަނީ 5 ދުވަހެވެ. އެ ބަންދުގެ މުއްދަތު ހަމަވުމުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އިތުރު 10 ދުވަސް ބަންދަށް އިތުރު ކޮށްފައެވެ. އެއަށް ފަހު މި މަހު ރައުދު އަށް 5 ދުވަހުގެ ބަންދެއް ޖެހުމަށް ފަހު އެ މުއްދަތު ހަމަވުމުން ވަނީ 20 ދުވަހުގެ ބަންދެއް ޖަހާފައެވެ.
ރައުދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ޖުމްލް 4 ފަހަރު ބަންދުގެ މުއްދަތް ޖަހާފައިވާ އިރު، ރައުދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ރައުދަށް 5 ދުވަހުގެ ބަންދެއް ޖެހުމަށް ކޮށްފައިވާ އަމުރެވެ.
އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ ރައުދުގެ ބަންދު އިތުރު ކުރަން ފުލުހުން ނުބައި މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުމުންނާއި، އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާ ވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން ކަމަށާއި، ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހައްސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުމެވެ. މީގެ އިތުރުން ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ހިލާފަށް މުއްދަތު ދިނުން އަދި އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުމެވެ.
ކްރިމިނަލް ކޯޓުން ރައުދުގެ ބަންދު 4 ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ އިރު، ރައުދުގެ ބަންދުގެ އަމުރުގެ ތެރެއިން އެ ކޮޓުން އާންމުކޮށްފަިއ ވަނީ ފިރަތަމަ ބަންދުގެ މުއްދަތް ޖެހި އަމުރެވެ. ދެން މުދަތް އިތުރު ކުރި ތިން ފަހަރުގެ އަމުރުތައް އެ ކޯޓުން އާންމުކޮށްފައެއް ނުވެއެވެ. އެއީ ޖިނާއީ އިޖުރާއަތު ގާނޫނުގެ 42 ވަނަ މާއްދާގެ ނ ގެ 1، 2 އަދި 3 އަށް ރިއާޔަތް ކޮށް ބަންދުގެ މުއްދަތް ޖަހަން ގެންދާ އަޑުއެހުންތައް ސިއްރު ކޮށްގެން ކުރިއަށް ގެންދާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެެވެ.
ހ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ޔުމްނު އާއެކު އެގޭގައި އުޅުނު ރައުދު ހައްޔަރުކޮށްފައިވާ އިރު، މި ހާދިސާއާ ގުޅިގެން އިތުރު 7 މީހެއްގެ ޕާސްޕޯޓާއި ފޯނު ވެސް ވަނީ ހިފަހައްޓާފައެވެ.
މިކޭސްގައި ހިމެނޭ 8 މީހުން:
- ރައުދު އަހްމަދު ޒިލާލް، ގ. އެރިޔަދޫ (21އ)
- އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް (22އ)
- އާމިނަތު ޖުނައިނާ ޖަމްޝީދު، ހ. ތިލަފަޅު (24 އ)
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގޭ ދެކުނުގެ (28އ)
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒް (28އ)
- ހުސައިން ހަމީސް އަލީ، ނ. ވެލިދޫ (28އ)
- އިޖާޒް ޖާއިޒް، މާތޮޑާއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ (24އ)
- ޔޫސުފް އަހްމަދު އަކްރަމް، މއ. މާންދޫގެ ދެކުނުގެ (24އ)
މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާފައެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށެވެ.
ވެއްޓުނު ޒުވާނާ ވެސް މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަން ދެނެގަނެވިފައެއް ނުވެއެވެ. އެ އަންހެން މީހާއާއެކު އުޅުނު ޒުވާނާ ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާ ޔޫރިން ސާމްޕަލް ދީފައި ވަނީ އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެއަށްފަހު މި ކޭސްއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޒުވާނުން މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މި ހާދިސާގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށް އެ ހާދިސާ ހިންގި ދުވަހުގެ ސީސީޓީވީ ފުޓޭޖް ވެސް ވަނީ އާންމު ކޮށްފައެވެ. އެ ދުވަހު ފުލުހުން ދެއްކި ފިޓޭޖުން ފެންނަ ގޮތުގައި. ހ. ފެންޓެނޯއީ ގެއަށް އެ ދެމީހުން ވަންނަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 4:30ގައެވެ. އެ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި 4:51 ގެ ފަހުން އެ އަންހެން މީހާއެއް ނުފެނެއެވެ.